ޔުކްރެއިންގެ އެކި ސަރަހައްދުތަކަށް ރަޝިއާއިން ދިން ވައިގެ ވަރުގަދަ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެ ގިނަ ބަޔަކު ޒަޚަމްވެފައިވާއިރު، މީހުން ދިރިއުޅޭ އިމާރާތްތަކަށާއި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި ދެ ފަރާތުންވެސް ދަނީ ސިނާއީ މަރުކަޒުތަކަށާއި ކަނޑު އުޅަނދުފަހަރަށް ހަމަލާތައް ދެމުންނެވެ.
ރަޝިއާއިން ކްރަމަޓޯރސްކްގައި އާންމުންގެ ކާރުތަކަށް ދިން ހަމަލާތަކެއްގައި ތިން މީހުން މަރުވެފައިވާއިރު، ޒީތޮމީރްގެ ފިހާރައަކަށް ދިން ހަމަލާއެއްގައި ދެ މީހުން ވަނީ މަރުވެފައެވެ. މީގެ އިތުރުން ޒަޕޮރީޜިއާ އަދި ކްރިވީ ރީހް އަށް ދިން ހަމަލާތަކުގައިވެސް މީހުން މަރުވެ ޒަޚަމްވެފައިވާއިރު، އޮޑެސާގައި ގާތްގަނޑަކަށް 40 މީހުން ވަނީ ޒަޚަމްވެފައެވެ.
ރަޝިއާއިން އެއް ދުވަހެއްގެ ތެރޭގައި ގާތްގަނޑަކަށް 500 ޑްރޯން ފޮނުވާފައިވާ ކަމަށް ޔުކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެފައިވާއިރު، އޭނާ ފާހަގަކުރެއްވި ގޮތުގައި ރަޝިއާއިން ދަނީ ކުރީ ސަފުން ދުރަށް، ޔުކްރެއިންގެ އިޤްތިޞާދު ފުނޑުފުނޑުކޮށް ދެކޮޅުވެރިކަން މުގުރާލުމަށް ޙަމަލާތައް އަމާޒުކުރަމުންނެވެ.
ރަޝިއާގެ އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި އެ ޤައުމުން ވަނީ ޒަޕޮރިޜްސްޓަލް ދަގަނޑު ކާރުޚާނާއާއި، ޑްނިޕްރޯގެ އިންޓަރޕައިޕް ސްޓީލް ކޮމްޕްލެކްސް އަދި ކްރިވީ ރީހްގެ ސިނާއީ ވަސީލަތްތަކަށް ޙަމަލާދީފައެވެ. މީގެ އިތުރުން އޮޑެސާ އަދި ޗޯރްނޮމޯރްސްކް ބަނދަރުގައި ހުރި އަސްކަރީ މުދާ އުފުލާ ކާގޯ ބޯޓުތަކަށް ވެސް ޙަމަލާދީފައިވާ ކަމަށް ރަޝިއާއިން ބުނެއެވެ.
ޔުކްރެއިންގެ އަސްކަރިއްޔާއިން ވަނީ ރަޝިއާގެ ސަމާރާ ސަރަހައްދުގެ ޓޮގްލިއާޓީގައި ހުންނަ ސިންތެޓިކް ރަބަރާއި މިސައިލް ތެލުގެ އެޑިޓިވްސް އުފައްދާ ކާރުޚާނާއަކަށް ޑްރޯން ހަމަލާއެއް ދީ އަލިފާން ރޯކޮށްލާފައެވެ. އަދި ރަޝިއާގެ ބާރުގެ ދަށުގައިވާ ޑޮނެޓްސްކް ސަރަހައްދަށް ޔޫކްރެއިނުން ދިން ހަމަލާތަކުގައި ތިން މީހަކު މަރުވެފައިވެއެވެ.
މި ހަމަލާތަކާ ގުޅިގެން ސަރަހައްދީ ނުތަނަވަސްކަން އިތުރުވެ، ބޯޑަރު ކައިރިން ޑްރޯނެއް ފެނުމުގެ ސަބަބުން އަވަށްޓެހި މޮލްޑޯވާގެ ވައިގެ ސަރަހައްދާއި ބޯޑަރު ހުރަސްކުރާ ބައެއް ދޮރާށިތައް ވަގުތީ ގޮތުން ބަންދުކުރަން ޖެހުނެވެ.
މި ލިޔުން ކިޔާލުމުން



