ޔަމަނުގެ ރަތްކަނޑުގެ އައްސޭރިފަށުގައިވާ މުހިންމު ސަރަހައްދުތަކާއި ރަށްތައް ޙޫތީންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނައުމާ ގުޅިގެން އީރާނުގެ ސަރުކާރާއި ދައުލަތުގެ މީޑިއާތަކުން ވަނީ އެކަމަށް ތައުރީފުކޮށް އުފާފާޅުކޮށްފައެވެ. ޙޫތީން ހޯދި މި ކުރިއެރުމުގައި ރަތްކަނޑުގެ އައްސޭރިފަށުގެ މުހިންމު ސިޓީތަކުގެ އިތުރުން، ބަނދަރު ސިޓީއެއް ކަމުގައިވާ މޯކާ އާއި ޕެރިމް (މަޔޫން) ރަށް ވެސް ވަނީ އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ.
ޙޫތީން ހޯދި ކުރިއެރުމާއެކު ޔަމަނުގެ ސަރުކާރަށް ރަތްކަނޑަށް ސީދާ ވަދެވޭނެ މަގުތައް ބަންދުވެ، ބާބުލް މަންދަބް ކަނޑުއޮޅީގެ ބޮޑު ކޮންޓްރޯލެއް މިހާރު ވަނީ ޙޫތީންގެ ދަށަށް ގޮސްފައެވެ.
މި ކާމިޔާބީއަކީ "އިލާހީ ކާމިޔާބީއެއް" ގެ ގޮތުގައި އައި.އާރް.ޖީ.ސީ ގެ ތަރުޖަމާނު ޙުސައިން މުޙިއްބީ ސިފަކުރެއްވިއިރު، މިއީ އެމެރިކާއާއި ހުޅަނގާ ދެކޮޅަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އީރާނުގެ ފުރަތަމަ ނައިބު ރައީސް މުޙައްމަދު ރިޟާ އާރިފް އާއި މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޣާލީބާފް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން، އީރާނުގެ މީޑިއާތަކުން ވަނީ އީރާނާއި ޙޫތީންނަކީ "ކަނޑުއޮޅިތަކުގެ ވެރިޔާ" ގެ ގޮތުގައި ސިފަކޮށް ރިޕޯޓުކޮށްފައެވެ.
ޙޫތީންނަށް ބާބުލް މަންދަބް ކަނޑުއޮޅީގެ ކޮންޓްރޯލް ލިބުމުން، އީރާނުގެ ބާރުހިނގާ ހޮރްމޫޒް ކަނޑުއޮޅިއާއެކު ދެ ކަނޑުއޮޅީގެ މައްޗަށް ބާރުފޯރުވުމުގެ ފުރުސަތު އިތުރުވެ، އެމެރިކާއާއެކު ކުރެވޭ މަޝްވަރާތަކުގައި އީރާނަށް ސިޔާސީ ބޮޑު ބާރެއް ލިބިގެންދެއެވެ.
ޙޫތީ ކޮމާންޑަރުން ބުނެފައިވާ ގޮތުގައި، ކަނޑުބޯޓުފަހަރަށް ހަމަލާދިނުމަށް މިސައިލާއި ޑްރޯންގެ އިތުރުން އައްސޭރިފަށުގައި ބޮޑުބަޑި ރުކުރުވާލައިގެން ހަމަލާދިނުމުގެ ޤާބިލުކަން މިހާރު އެމީހުންނަށް ވަނީ ލިބިފައެވެ.
އީރާނުގެ އިސް ވެރިން މި ކާމިޔާބީ ފާހަގަކުރި ނަމަވެސް، އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ ޙޫތީންނަކީ އީރާނުގެ ޕްރޮކްސީއެއް ނޫން ކަމަށާއި އެމީހުން ނިންމުންތައް ނިންމަނީ އަމިއްލައަށް ކަމަށެވެ. އަދި ޔަމަނުގެ ހިސާރު ނިމުމަކަށް ގެނެސް ސުލްހައިގެ މަޝްވަރާތަކަށް ދިއުމަށްވެސް ވަނީ ގޮވާލާފައެވެ.
މި ލިޔުން ކިޔާލުމުން



