ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އިން ކުރި ޕޯސްޓެއްގައި އިސްލާމިކް މިނިސްޓަރ ޑޮކްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ހުޅުމާލޭގައި "ސުލްތާން މުޙައްމަދު ބިން ޢަބްދުﷲ ގްރޭންޑް މޮސްކް" އަދި "އިސްލާމިކް ސިވިލައިޒޭޝަން ސެންޓަރ" ގެ ބިންގާ އަޅައި، ދިވެހީންގެ ޒަމާންވީ ހުވަފެނެއްގައި ކުލަޖެހުމުގެ މަސައްކަތް ވަނީ ފެށިފައި ކަމަށް ޢިއުލާނުކުރައްވާފައެވެ. މި ބިނާއަށް ނަންދެވިފައިވަނީ ހިޖުރައިން 548 ވަނަ އަހަރު ރާއްޖެއިން އެންމެ ފުރަތަމަ އިސްލާމްވި ރަސްކަލުން ކަމަށްވާ ސުލްތާން މުޙައްމަދު ބިން ޢަބްދުﷲ ގެ ނަންފުޅަށް ނިސްބަތްކޮށެވެ. މިއީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށް، ދިވެހީންގެ މުއްސަނދި އިސްލާމީ ތާރީޚާއި ޙަޟާރާތުގެ ރަމްޒެއްގެ ގޮތުގައި ބިނާކުރެވޭ މުހިންމު މަރުކަޒެކެވެ.
މި މަޝްރޫޢުގެ ދަށުން އެއްފަހަރާ ދިހަ ހާހަށްވުރެ ގިނަ މީހުންނަށް ނަމާދުކުރެވޭނެ ބޮޑު މިސްކިތެއްގެ އިތުރުން، ތަޢުލީމީ އަދި ޘަޤާފީ މަރުކަޒެއް، އިސްލާމީ ކުތުބުޚާނާއެއް، ކީރިތި ޤުރްއާނާ ބެހޭ މިއުޒިއަމެއް، މަލްޓިޕަރޕަސް ހޯލެއް، އިސްލާމީ ފޮތްފިހާރައެއް، ހަދިޔާ ފިހާރައެއް އަދި މައުރަޒު ހޯލެއް ހިމެނޭނެއެވެ. އިސްލާމީ ޙަޟާރާތުގެ މަރުކަޒުން ރާއްޖެއަށް އިސްލާމްދީން އައި ގޮތާއި، ފާހަގަކޮށްލެވޭ ދީނީ ޢިލްމުވެރިންނާއި ހިދުމަތްތެރި ސުލްތާނުންގެ ތާރީޚު ފެންނަން ހުންނާނެއެވެ. އަދި މި މަޝްރޫޢުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށްޓަކައި ޚާއްޞަ ވަޤުފުތަކެއްވެސް އެކުލެވިގެންވެއެވެ. މި މަރުކަޒަކީ ހަމައެކަނި އަޅުކަންކުރާ ތަނެއްގެ އިތުރުން، ދުނިޔެއަށް ދިވެހީންގެ އިސްލާމީ ރަޙުމަތާއި ޞުލްޙަވެރިކަން ދައްކުވައިދޭ ފަތުރުވެރިކަމުގެ މުހިންމު މަންޒިލަކަށް ވެގެންދާނެއެވެ.
މި މަޝްރޫޢު ނިންމުމަށް 2 އަހަރު ދުވަހުގެ މުއްދަތެއް އަމާޒުހިފާފައިވާކަމަށް އެ ޕޯސްޓުގައި މިނިސްޓަރު ޑޮކްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ދަންނަވައިފައެވެ. މިކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވި އެއްބާރުލެއްވުމާއި، 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި މި މަޝްރޫޢު އިއުލާންކުރެއްވިކަން ފާހަގަކޮށް އެމަނިކުފާނަށް ޝުކުރު އަދާކޮށްފައިވެއެވެ. މީގެ އިތުރުން، މާލީ އެހީތެރިކަން ފޯރުކޮށްދިން އަލް ރާޖިހީ ކުންފުންޏަށާއި، ބިން ހަމަޖެއްސުމާއި އެހެނިހެން އިންތިޒާމުތަކުގައި އެހީތެރިވި އެޗްޑީސީއަށްވެސް ވަނީ ޚާއްޞަ ޝުކުރެއް އަރިސްކޮށްފައެވެ.
މި ލިޔުން ކިޔާލުމުން



