ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާއަށް ދިން ހަމަލާތަކަށްފަހު އަފްޣާނިސްތާނާއި އިރާގު ހަނގުރާމައިގައި އެމެރިކާއިން ކަންކަން ގެންދިޔަ ގޮތާމެދު ހިތްހަމަނުޖެހުންތަކެއް ހުރިކަމަށް އެ ގައުމުގެ ކުރީގެ އިސް ޑިޕްލޮމެޓް އަދި ސަފީރު ޒަލްމާއި ޚަލީލްޒާދު ވިދާޅުވެއްޖެއެވެ. އަލްޖަޒީރާގެ "ދިސް އިޒް އެމެރިކާ" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، ހަމަލާއަށްފަހު އުފެދުނު ބިރުވެރިކަމާއި ރުޅިވެރިކަމުގެ ސަބަބުން ނިންމުނު އަވަސް ނިންމުންތަކުގެ ސަބަބުން ދުނިޔެ ބަދަލުވެގެންދިޔަ ކަމަށެވެ.
ހަމަލާ ދިން ދުވަސްވަރު ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސީނިއާ ޑިރެކްޓަރެއްގެ މަގާމުގައި އަދި ފަހުން އަފްޣާނިސްތާނާއި، އިރާގު އަދި އދ. ގައި އެމެރިކާގެ ސަފީރުކަން ކުރެއްވި ޚަލީލްޒާދު ވިދާޅުވީ، ހަނގުރާމައިގެ ކުރީކޮޅު 2001 ވަނަ އަހަރު ތާލިބާނުން އެއްބަސްވުމަކަށް އަންނަން ބޭނުންވި ނަމަވެސް އެމެރިކާއިން އެ ފުރުސަތު ދޫކޮށްލުމަކީ ހެދުނު ގޯހެއް ކަމަށެވެ. އަދި އޭރު އަފްޣާނިސްތާނުގެ ސިޔާސީ މަރުހަލާގެ ތެރޭގައި ތާލިބާނުން ހިމެނިނަމަ ހާލަތު މާ ރަނގަޅުވީސް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިރާގު ހަނގުރާމައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޚަލީލްޒާދު ވިދާޅުވީ، ސައްދާމް ހުސައިންގެ އަތުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށް ބުނެ ބޭނުންކުރި ޖާސޫސީ މައުލޫމާތުތަކަކީ މައްސަލަތަކެއް ހުރި މައުލޫމާތުތަކެއް ކަމަށެވެ. އަދި 9/11 ގެ ހާދިސާ ނުހިނގިނަމަ އެމެރިކާއިން އިރާގަށް ހަމަލާނުދޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، ކުއްލި ހަމަލާއެއްގެ ބިރަށްޓަކައި އެމެރިކާގެ ސިޔާސަތު ވެރިކަން ވައްޓާލުމަށް ބަދަލުވެގެންދިޔައީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް ނިންމި ނިންމުމަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވަމުން ޚަލީލްޒާދު ފާހަގަކުރެއްވީ، "އަހަރެމެން އެތާ ތިބޭތާ 20 އަހަރު ވެއްޖެ. އަފްޣާނިސްތާން އޮތީ ބަދަލުވެފައި. އަހަރެމެން ޓެރަރިސްޓް ނުރައްކާ ނައްތާލައިފިން،" ކަމަށެވެ. އަދި ހައިރާންވާ ފަދަ ގޮތަކަށް، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި މިހާރު ތާލިބާނުން ވެފައިވަނީ އެމެރިކާގެ މަސްލަހަތުތަކަށް ރަނގަޅު ބަޔަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން



