ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިމާރާތްކުރުމުގެ ސިނާއަތަށް އިންޖިނޭރުން ކޮށްދެއްވާ ބުރަ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދިވެހި ސަރުކާރުން ދެއްވާ "އިންޖިނިއަރސް އެވޯޑް 2026" ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ. ބަރސެލޯ ނަސަންދުރާގައި ބޭއްވި މި ހަފުލާއަކީ ދާއިރާގެ މަސައްކަތްތެރީންނަށް ޤައުމީ ފެންވަރުގައި ޝަރަފާއި ޤަދަރު ދިނުމަށް އެޅުނު ތާރީޚީ ފިޔަވަޅެކެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން 10 ގިންތިއަކުން އެވޯޑު ދިނުމަށް ހުޅުވާލި މި މުބާރާތުގައި، ތަފާތު ދާއިރާތަކުން އަގުވަޒަންކުރުމުގެ އެވޯޑުތައް ވަނީ ހަވާލުކޮށްފައެވެ. އެގޮތުން، އެންމެ ޝަރަފުވެރި "އިންޖިނިއަރ އޮފް ދަ އިޔަރ" އެވޯޑް ޑޮކްޓަރ ފުރުޤާން އިބްރާހީމް ހާސިލުކުރެއްވިއިރު، "ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" 3 ބޭފުޅަކަށް ވަނީ އަރުވާފައެވެ. އެއީ ޢަބްދުއްޝަކޫރު ޞާލިޙްގެ އިތުރުން، އެ ބޭފުޅުންގެ ހަނދާނުގައި އެވޯޑު އެރުވުނު އަލްމަރުޙޫމް އަޙްމަދު މަހުރީން އަދި އަލްމަރުޙޫމް މުޙައްމަދު ރަޝީދެވެ. މީގެއިތުރުން ސަސްޓެއިނަބިލިޓީ، އިނޮވޭޝަން، ޒުވާން އިންޖިނޭރުން، އަދި އަންހެން އިންޖިނޭރުންގެ ގިންތިންވެސް ވަނީ އެވޯޑު ދީފައެވެ.
ޤައުމީ ފެންވަރުގައި އިންޖިނޭރުންގެ އެވޯޑެއް ދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ، ސިނަމާލެ ބުރިޖު އިފުތިތާހުކުރި ތާރީޚާ ގުޅުވައިގެން ކޮންމެ އަހަރެއްގެ އޮގަސްޓު 30 އަކީ "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް" ކަމުގައި ހަމަޖެއްސެވުމަށްފަހު، 2025 ވަނަ އަހަރުގެ އިންޖިނޭރުންގެ ދުވަހުގެ ޚިޠާބުގައެވެ.
މި ލިޔުން ކިޔާލުމުން



