ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް އިފުތިތާޙުކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވަނީ ޤުރްއާން ތިލާވަތުކުރުމާއި އެ ފޮތުގެ މަތިވެރި ޢިލްމު އުނގެނުމުގައި ދެމިތިބުމަށް މުބާރާތުގެ ބައިވެރީންނަށް އިލްތިމާސްކުރައްވާފައެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ބޮޑުވަމުން އަންނަ ޖީލުގެ ހިތްތަކުގައި ޤުރްއާނަށް ލޯބި ޖެއްސުމާއި އެ ފޮތާ ގާތް ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ މުޅި މުޖުތަމަޢުގެ ބޮޑު ޒިންމާއެއްކަން ފާހަގަކުރެއްވިއެވެ. އަދި ޤުރްއާނާއެކު އޮންނަ ގުޅުމަކީ މުބާރާތަކުން ނިމޭ ކަމެއް ނޫންކަން ހަނދާންކޮށްދެއްވައި، ބައިވެރިންގެ އަޚުލާޤާއި ސުލޫކު ޤުރްއާނުގެ އަލީގައި ބައްޓަންކޮށް، މުޖުތަމަޢަށް ނަމޫނާ ދަރިންތަކަކަށް ވުމަށް ނަޞޭޙަތްތެރި ވެވަޑައިގެންނެވިއެވެ. މީގެއިތުރުން، ވަގުތީ ނަތީޖާއަށްވުރެ ބޮޑަށް ކުދިންގެ ހިތްތަކުގައި ޤުރްއާނަށް އޮތް ލޯބި ދެމެހެއްޓުމަށް ބާރުއެޅުއްވުމަށް ބެލެނިވެރިންގެ ކިބައިންވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި އިސްލާމީ ތަޢުލީމު ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޒަމާނީ ފެންވަރުގެ ޤުރްއާނާ ބެހޭ މަރުކަޒުތައް ބިނާކުރުމާއި މުދައްރިސުން ތަމްރީނުކުރުމުގެ ފުރުޞަތުތައް އިތުރުކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.
މި އަހަރުގެ މުބާރާތްވެސް ކުރިއަށްދަނީ 3 ބުރަކަށް ބަހާލައިގެންނެވެ. އެގޮތުން، ޖޫން އާއި ޖުލައި މަހު މާލެއާއި ރާއްޖޭގެ 20 ސަރަޙައްދެއްގައި އޮޑިޝަން ބުރު ބޭއްވުމަށްފަހު، ސެމީ ފައިނަލަށް ހޮވުނު 379 ބައިވެރިންގެ ކިޔެވުން ސެޕްޓެންބަރު 11 އިން 14 އަށް ކުރިއަށްދާނެއެވެ. އަދި ފައިނަލް ބުރަށް ހޮވޭ 150 ބައިވެރިންގެ ކިޔެވުން އޮންނާނީ ސެޕްޓެންބަރު 16 އިން 17 އަށެވެ.
މި ލިޔުން ކިޔާލުމުން



