ދިވެހިންގެ މެދުގައި އޮތް ޒަމާންވީ ރިވެތި އަޚްލާޤު އަލުން އިޔާދަކުރުމަށްޓަކައި، އަހަރަކު އެއް ފަހަރު "ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް" ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މި ނިންމެވުމަކީ މި މަހުގެ 6 ވީ އާދިއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވާ ނިންމެވުމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ ރިވެތި އަޚްލާޤު އަލުން އިޔާދަކުރެއްވުމަށްޓަކައި، އިޙުތިރާމު އަދާކުރުމުގެ 5 އަހަރު ދުވަހުގެ މަޝްރޫޢެއް މުޅި ރާއްޖޭގައި ހިންގެވުމަށެވެ. އަދި މި ޤައުމީ މަޝްރޫޢުގެ ޝިޢާރަކީ "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" ކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ. ސަރުކާރުން ނިންމަވާފައިވަނީ "ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް" ފާހަގަކުރާ ދުވަހަކީ މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙު ކުރާ ދުވަސް ކަމުގައި ހަމަޖެއްސެވުމަށެވެ.
މި މަޝްރޫޢު ހިންގުމަށްޓަކައި ވިލަރެސްކުރާނެ، މި ފަންނުގެ ތަޖުރިބާ ހުރި 9 މެންބަރުންގެ މައްޗަށް އެކުލެވޭ ޚާއްޞަ ކޮމިޓީއެއް އުފެއްދެވުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ. މި ކޮމިޓީގައި ހިމެނުމަށް ކަނޑައަޅާފައިވާ މުއައްސަސާތަކަކީ:
- މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް
މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް
ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް)
މި ލިޔުން ކިޔާލުމުން



