މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް އަންނަ ހަފްތާގައި ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.
އެނގިފައިވާ ގޮތުގައި، ބޮޑުވަޒީރު އަންވަރު ރާއްޖެ ވަޑައިގަންނަވާނީ "ބްރިކްސް" ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މި އަންނަ ހަފްތާގެ 14 ވަނަ ދުވަހުއެވެ.
މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް މުޢިއްޒު މެލޭޝިއާއަށް ކުރެއްވި އެ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ސިއްހީ، ފަތުރުވެރިކަން، ޑިޕްލޮމެޓުން ތަމްރީނުކުރުން އަދި ބައިލެޓްރަލް ކޮންސަލްޓޭޝަން ފަދަ 5 ދާއިރާއަކުން އެއްބަސްވުންތަކުގައި ސޮއިކުރެއްވިއެވެ. މީގެއިތުރުން "މޯލްޑިވްސް - މެލޭޝިއާ ބިޒްނަސް ފޯރަމް" ގައި ތަގުރީރުކުރައްވައި، ރާއްޖޭގައި އިންވެސްޓްކުރުމަށް މެލޭޝިއާގެ ވިޔަފާރިތަކަށް ރައީސް ދައުވަތު އެރުވިއެވެ.
މެލޭޝިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި ރަސްމީކޮށް މަޢުލޫމާތެއް ހާމައެއް ނުކުރެއެވެ.
މި ލިޔުން ކިޔާލުމުން



