ޕާކުކޮށްފައި ހުރި ސައިކަލެއްގެ ހުންގާނުގައި އަޅުވާފައި އޮތް ހެލްމެޓެއް ވަގަށް ނެގި މީހާ، އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެ އެ ހެލްމެޓު ހަވާލުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ، ޖީއެން ސައިކަލެއްގައި ތިބި ދެ ޒުވާނަކު ހެލްމެޓު ނަގާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށް، އެ މީހުން ހޯދުމަށް އިއްޔެ އިއުލާނުކޮށްފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ހެލްމެޓު ވަގަށް ނަގާފައިވަނީ ސައިކަލުގެ ފަހަތުގައި އިން މީހާއެވެ.
ފުލުހުން މިއަދު މަޢުލޫމާތު ދިން ގޮތުގައި، ހޯދަމުންދިޔަ މީހާ އަމިއްލައަށް ފުލުހަށް ހާޒިރުވެ ހެލްމެޓު ހަވާލުކޮށްފައިވާއިރު، މި ކަމުގައި އާންމުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ހުޅުމާލެ ފޭސް ދެއެއްގެ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ މި މައްސަލައިގެ އިތުރުންވެސް، ރާއްޖޭގައި ވައްކަމުގެ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ. އެގޮތުން، މިހާތަނަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވައްކަމުގެ 2,300 އަށްވުރެ ގިނަ މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.
މި ލިޔުން ކިޔާލުމުން



