ހއ. އުލިގަމުގައި ތަރައްގީކުރާ ޔޮޓް މެރީނާގެ މާސްޓާ ޑިވެލޮޕާ އަދި އޮޕަރޭޓަރަކު ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން އާންމުކޮށް ހުޅުވާލައިގެން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އީއޯއައި ހުޅުވާލައިފިއެވެ.
މި ފުރުސަތު ވަކިވަކި ކުންފުނިތަކަށާއި ޖޮއިންޓް ވެންޗާތަކަށް ހުޅުވާލާފައިވާއިރު، ކުރިމަތިލާ ފަރާތްތަކުގެ މާލީ ގާބިލުކަމާއި ގާނޫނީ ހައިސިއްޔަތަށް ބެލުމަށްފަހު ކެންޑިޑޭޓުން ޝޯޓްލިސްޓް ކުރެވޭނެއެވެ. އީއޯއައިއާ ގުޅޭގޮތުން ސުވާލު ފޮނުވުމުގެ އެންމެ ފަހު ތާރީހަކީ 16 ސެޕްޓެމްބަރު 2026 ގެ މުއްދަތެވެ. އަދި އީއޯއައި ހުށަހެޅުމުގެ ސުންގަޑިއަކީ 21 ސެޕްޓެމްބަރު 2026 އެވެ.
ބީލަން މަރުހަލާގެ ފުރަތަމަ ބުރަށްފަހު ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް، ރިކުއެސްޓް ފޯ ޕްރޮޕޯސަލް މަރުހަލާގައި ތަފްސީލީ ފަންނީ އަދި މާލީ ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު ދެވޭނެއެވެ.
އުތުރުގައި މެރިޓައިމް ޓޫރިޒަމް ފުޅާކޮށް އިގުތިސާދު ކުރިއެރުވުމަށް އެމްޕީއެލުން ކުރިއަށްގެންދާ މި ސްޓްރެޓެޖިކް މަޝްރޫއަކީ އެ ސަރަހައްދުގައި އަމިއްލަ އިންވެސްޓްމަންޓްތަކާއެކު ގާއިމުކުރެވޭ ފުރަތަމަ ބޮޑު މެރީނާ މަޝްރޫއެވެ. މި މަޝްރޫއުގެ އަސާސީ އިންފްރާސްޓްރަކްޗާގެ މަސައްކަތްތައް—އޭގެ ތެރޭގައި ފަޅު ކޮނުމާއި، ތޮށިލުމާއި، ޖެޓީ އާއި ފްލޯޓިން ޕޮންޓޫން ސިސްޓަމް އަދި ސެކިއުރިޓީ އިންފްރާސްޓްރަކްޗާ ގާއިމުކުރުން—މިހާރުވެސް އެމްޕީއެލުން ދަނީ ކުރިއަށްގެންދަމުންނެވެ.
ހޮވޭ އިންވެސްޓަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މެރީނާ ހިންގުމާއި، ބާތިންގް، ފިއުލް އަދި ވޭސްޓް މެނޭޖްމަންޓް ހިދުމަތް ދިނުން ހިމެނެއެވެ. މީގެ އިތުރުން މެރީނާ ހޮޓާ ނުވަތަ ބުޓީކް ރިސޯޓާއި، ރެސްޓޯރެންޓް، ކްރޫ ފެސިލިޓީސް އަދި ވޯޓާ ސްޕޯޓްސް ވަސީލަތްތައް ތަރައްގީކުރުންވެސް ހިމެނެއެވެ.
އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް އެމްޕީއެލްއާއި އުލިގަމު ކައުންސިލާ ދެމެދު އޮގަސްޓު 1، 2024 ގައި އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މިދިޔަ މަހުގެ 23 ގައި ކައުންސިލުން ވަނީ މެރީނާ ހަދާނެ ބިން އެމްޕީއެލްއާ ހަވާލުކޮށްފައެވެ. ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ މުހިންމު ސަރަހައްދެއްގައި އޮންނަ އުލިގަމަކީ މިހާރުވެސް ގިނަ އަދަދެއްގެ ޔޮޓްތައް ބަނދަރުކުރާ ރަށެކެވެ.
މި ލިޔުން ކިޔާލުމުން



