ކުރިން ޢަމަލުކުރަމުންދިޔަ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ހުރިހާ ނޫސް މަޖައްލާތައް، އަންނަ އޮކްޓޫބަރު މަހުގެ 27 ގެ ކުރިން ރީ-ރަޖިސްޓްރީކޮށް ރެކޯޑުތައް އަދާހަމަކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.
އެ ކޮމިޝަނުން ކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މިހާރު އުވާލެވިފައިވާ ޤާނޫނު ނަންބަރު 78/47 (ނޫސް މަޖައްލާ ފަދަ ތަކެތީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގަމުން އަންނަ ނޫސް މަޖައްލާތައް އަލުން ރަޖިސްޓަރީ ކުރަންޖެހެނީ، ޤާނޫނު ނަންބަރު 2025/16 ގެ ދަށުން އެކުލަވާލައި ގެޒެޓްކޮށްފައިވާ ގަވާއިދު ނަންބަރު R-27/2026 (ނޫސް މަޖައްލާ ރަޖިސްޓަރީ ކުރުމުގެ ގަވާއިދު) ގެ ދަށުންނެވެ.
މި ގަވާއިދުގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ގަވާއިދަށް ޢަމަލުކުރަން ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި އެފަދަ ނޫސް މަޖައްލާތައް ރީ-ރަޖިސްޓްރީކޮށް، ރެކޯޑުތައް އަދާހަމަކުރަން ޖެހެއެވެ. އެހެންކަމުން، މި މަރުޙަލާ ފުރިހަމަކުރުމަށް ދެވިފައިވާ އެންމެ ފަހު ތާރީޚަކީ 2026 އޮކްޓޫބަރު 27 ކަމަށް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.
މީގެއިތުރުން، ކަނޑައެޅިފައިވާ މުއްދަތު ހަމަވާއިރު ރީ-ރަޖިސްޓްރީކޮށް ރިކޯޑު އަދާހަމަ ނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓަރީތައް، ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ބާތިލުކުރެވޭނެ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
އެހެންކަމުން، ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ނޫސް މަޖައްލާތަކުގެ ރީ-ރަޖިސްޓްރީކޮށް ރިކޯޑުތައް އަދާހަމަކުރުމަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
މި ލިޔުން ކިޔާލުމުން



