ގެދޮރު އިމާރާތްކުރުމަށްޓަކައި ބޭންކުތަކުން ލޯނު ނެގުމަށް ދައްކަންޖެހޭ އިކުއިޓީ ސަރުކާރުން ހިލޭ ދޫކުރާ ހާއްސަ ސްކީމަށް މިއަހަރުގެ ފަހުކޮޅު ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި މީޑިއާ ބްރީފިންއެއްގައި މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް މެދުވެރިކޮށް %5 އިންޓަރެސްޓުގައި ދޫކުރާ އެފޯޑަބަލް ހައުސިން ލޯނު މިހާރުވެސް ގިނަ ބަޔަކަށް ދޫކުރެވެމުންދާ ކަމަށެވެ. އަދި މިއަހަރުގެ ފަހުކޮޅު ފަށާނީ އެއަށްވުރެ މާ ފުޅާ، އިކުއިޓީ ފައިނޭންސް ފޯރުކޮށްދިނުމުގެ ސްކީމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ސްކީމުގެ ދަށުން، ގެއެއް އިމާރާތްކުރުމަށް ބޭނުންވާ އިކުއިޓީ ކޮމްޕޯނަންޓް ހަމަކުރުމަށްޓަކައި ސަރުކާރުގެ ފަންޑުގެ ތެރެއިން އަނބުރާ ދައްކަން ނުޖެހޭ ވަކި އަދަދެއްގެ ފައިސާ ކޮންމެ މީހަކަށް ނުވަތަ އާއިލާއަކަށް ދޫކުރެވޭނެއެވެ. ގެއެއް ހަދަން ނުވަތަ އެޕާޓްމަންޓެއް ގަންނަން ދޫކުރާ ލޯނުތަކުގެ އިކުއިޓީ ބީއެމްއެލްއިން މިހާރު %5 އަށް ކުޑަކޮށްފައިވާއިރު، އަލަށް ތައާރަފްކުރާ ސްކީމުގައި ސަރުކާރުން ދޭނީ އެ %5 އަށްވާ ފައިސާއެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މި ސްކީމުގެ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުއްﷲ މުއްތަލިބު ދެއްވާނެއެވެ. އަދި މި ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އަޅާ ފްލެޓްތަކަށް، އެމަނިކުފާނުގެ ދައުރު ނިމުމުގެ ކުރިން މީހުން ވަންނާނެ ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.
މި ލިޔުން ކިޔާލުމުން



