ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) އިން ސަރުކާރަށް މެޖޯރިޓީ ހިއްސާ އަލުން ހޯދުމަށާއި، މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ ބޭރުގެ ފަރާތަކަށް ވިއްކާލާފައިވާ ހިއްސާ އަނބުރާ ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާން ކުރައްވައިފިއެވެ.
މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ދައުލަތަށް ލިބޭ މަންފާ ބޮޑުކުރުމަށްޓަކައި މި ދެ ކުންފުނީގެ ހިއްސާ ސަރުކާރަށް ހޯދުމަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާ އާއި ލަފާގެ މަތިން ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، މީގެ ކުރިން ދޫކޮށްލާފައިވާ ދިރާގުގެ މެޖޯރިޓީ ހިއްސާ އަލުން ދިވެހި ސަރުކާރަށް ނަގައި، އެ ކުންފުންޏަކީ ސަރުކާރުގެ 51 އިންސައްތަ ހިއްސާ އޮތް ކުންފުންޏަކަށް ހެދުމަށް ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން، އެމްޑަބްލިޔުއެސްސީއަކީވެސް ރާއްޖޭގެ އަސާސީ ޚިދުމަތްތަކާ ގުޅިފައިވާ މުހިންމު ކުންފުންޏަކަށް ވުމާއެކު، އެ ކުންފުންޏަކީ ސައްތައިން ސައްތަ ދިވެހި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ހެދުމުގެ އަމަލީ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށްވެސް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން



