ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، އިސްރާފު ކުޑަކުރުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ދަށުން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އުވާލުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ފެނަކަ އުވާލުމަށްފަހު އެ ކުންފުނިން ދެމުންދިޔަ ޔޫޓިލިޓީގެ ހުރިހާ ޚިދުމަތްތަކެއް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ދަށަށް ބަދަލުކުރުމަށް ނިންމަވާފައިވާ ކަމަށެވެ. މި ބަދަލާއެކު، މުޅި ރާއްޖެއަށް ޔޫޓިލިޓީގެ ޚިދުމަތް ދޭނީ ސްޓެލްކޯއިންނެވެ.
ފެނަކައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ފެނަކައިގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާކަން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން ހާމަވާ ކަމަށެވެ. އަދި އެ ކުންފުނި އިސްލާހުކޮށްގެން ކުރިއަށްގެންދިއުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށް ފަންނީ ބޭފުޅުން ލަފާދެއްވާފައިވާތީ، ފެނަކަ އުވާލަން ނިންމެވީ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، މަގު ހެދުމުގެ މަސައްކަތް ކުރަމުންދިޔަ އާރްޑީސީ އުވާލައި، އެ ކުންފުނީގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ އެއްކޮށްލުމަށް ވަނީ ނިންމާފައެވެ. ރައީސް ވިދާޅުވީ އާރްޑީސީއާއި އެމްޓީސީސީގެ މަސައްކަތްތަކުގައި ފުށުއެރުންތަކެއް ހުރުމުގެ ސަބަބުން ބޮޑެތި ޚަރަދުތަކެއް ހިނގަމުންދާ ކަމަށާއި، މި ބަދަލާއެކު އިތުރަށް ހަރުދަނާ ނިޒާމެއްގެ ތެރެއިން އުމްރާނީ ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ.
އަދި އެމްޓީސީސީގައި ސަރުކާރުގެ ހިއްސާ ބޮޑުވެގެން ދިއުމަކީ ރައްޔިތުންނަށް އޭގެ ފައިދާ ލިބޭނެ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން



