ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ ސޯޝަލް ހައުސިންގ ފުލެޓުތަކުގެ ތެރެއިން 509 ފުލެޓަކުން ގަވާއިދުން ކުލި ނުދައްކާ ޕެންޑިންގގައި އެބަހުރި ކަމަށް އެ ކޯޕަރޭޝަނުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެފްޑީސީން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، މި މަޝްރޫއުގެ ދަށުން ދޫކޮށްފައިވާ ޔުނިޓުތަކުގެ ތެރެއިން މަހުން މަހަށް ގަވާއިދުން ކުލި ދައްކަމުން ދަނީ 3,405 ޔުނިޓުންނެވެ. ނަމަވެސް 509 ޔުނިޓެއްގެ ކުލި ނުދެއްކި ޕެންޑިންގގައި ވާކަން އެ ކުންފުނީގެ ހިސާބުތަކުން ވަނީ ހާމަވެފައެވެ.
ކުލީގެ އިތުރުން ފުލެޓުތަކުގެ ގަވާއިދާ ޚިލާފުވެގެން ޖުމްލަ 44 މައްސަލައެއް ފާހަގަކުރެވިފައިވާ ކަމަށް އެފްޑީސީން ބުނެއެވެ.
މީގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ހުއްދަނެތި ފުލެޓުތަކަށް ބަދަލު ގެނައުމުގެ މައްސަލަތަކެވެ. އެގޮތުން ހުއްދަނެތި ބަދަލު ގެނައުމުގެ 27 މައްސަލައެއް ފާހަގަވެފައިވާއިރު، އޭގެ ތެރެއިން 25 މައްސަލައެއް މިހާރު ދަނީ ބަލަމުންނެވެ. އަދި މި މައްސަލައާ ގުޅިގެން އެއް ފަރާތަކަށް ނޯޓިސް ފޮނުވާފައިވާއިރު، އެއް ފަރާތެއް ވަނީ ޖޫރިމަނާ ކޮށްފައެވެ.
ދެވަނައަށް އެންމެ ގިނައީ ހުއްދަނެތި އެހެން ފަރާތްތަކަށް ފުލެޓު ކުއްޔަށް ދިނުމުގެ މައްސަލަތަކެވެ. އެފަދަ 11 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، 8 މައްސަލައެއް މިހާރު ވެސް ދަނީ ބަލަމުންނެވެ. މީގެ އިތުރުން ދެ ފަރާތަކަށް ނޯޓިސް ފޮނުވައި، އެއް ފަރާތެއް ވަނީ ޖޫރިމަނާ ކޮށްފައެވެ.
މީގެ އިތުރުން، ކުނި އެޅުމުގެ ގަވާއިދާ ޚިލާފުވުމުގެ 3 މައްސަލައެއް ފާހަގަވެ، އޭގެ ތެރެއިން ދެ ފަރާތެއް ޖޫރިމަނާކޮށް އެއް މައްސަލަ ދަނީ ބަލަމުންނެވެ. އަދި އެންގުންތަކަށް އަމަލުނުކުރުމުގެ 2 މައްސަލައަކާއި، އަޑުގަދަވުމުގެ ސަބަބުން ހުށަހެޅިފައިވާ އެއް ޝަކުވާ ބަލަމުންދާ ކަމަށް ވެސް އެފްޑީސީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މި ލިޔުން ކިޔާލުމުން



