އދ. ދިގުރަށުގެ އިޚްތިޞާޞް ތެރޭގައި ހިމެނޭ ސަރަޙައްދުތަކުން އެއްވެސް ބޭނުމަކަށް ވެލިނެގުން އެ ރަށު ކައުންސިލްގެ އިދާރާއިން މަނާކޮށްފިއެވެ.
ދިގުރަށު ކައުންސިލުން މިކަމާ ގުޅިގެން ނެރުނު އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ ކައުންސިލްގެ އިޚްތިޞާޞް ތެރޭގައި ހިމެނޭ ސަރަޙައްދުތަކުން އެކި ފަރާތްތަކުން އަމިއްލަ ބޭނުންތަކަށާއި ވިޔަފާރީގެ ބޭނުންތަކަށް ގިނަ އަދަދަކަށް ވެލި ނަގަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.
ކައުންސިލުން ހާމަކުރި ގޮތުގައި، މިގޮތަށް ފަޅުމަތިން ވެލި ނެގުމުގެ ސަބަބުން ރަށް ގިރުމުގެ މައްސަލަ ވަރަށް ބޮޑަށް އިތުރުވެ، ރަށުގެ ނާޒުކު ތިމާވެއްޓަށް އިޢާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. އަދި މި ޢަމަލަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނާ ޚިލާފު ކަމެއްގެ އިތުރުން، ރަށުގެ އިޤްތިޞާދު އެކަމަކަށް ބަރޯސާވެފައިވާ މައިގަނޑު ސިނާޢަތް ކަމަށްވާ ފަތުރުވެރިކަމަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން، ދިގުރަށު ކައުންސިލްގެ އިޚްތިޞާޞް ހިނގާ އެއްވެސް ސަރަޙައްދަކުން އެއްވެސް ބޭނުމަކު ވެލި ނެގުމަކީ މަނާކަމެއް ކަމުގައި ކައުންސިލުން ވަނީ ކަނޑައަޅައިފައެވެ.
މީގެއިތުރުން، ކައުންސިލްގެ މި ނިންމުމާއި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނާއި ގަވާއިދުތަކުގެ ދަށުން ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ކައުންސިލުން ވަނީ ދީފައެވެ.
ދިގުރަށުގެ ރީތި ވެއްޓާއި ޤުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމަށްޓަކައި، މިފަދަ ތިމާވެއްޓަށް ގެއްލުންދެނިވި ޢަމަލުތައް ހުއްޓުވުމުގައި ރަށުގެ އެންމެހައި ލޮބުވެތި ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވުމަށް ކައުންސިލުން ވަނީ އެދިފައެވެ.
މި ލިޔުން ކިޔާލުމުން



