އަންހެނުން އިޤްތިޞާދީ އަދި މާލީ ގޮތުން ބާރުވެރިކުރުވުމާ ގުޅޭގޮތުން ސަރުކާރުން ކުރިއަށްގެންދާ ސިލްސިލާ މަޝްވަރާތަކާއި ބައްދަލުވުންތަކެއް ށ. އަތޮޅުގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސެޕްޓެންބަރު މަހުގެ 19 އިން 24 ގެ ނިޔަލަށެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ރަށްރަށުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ އަދި އަލަށް ވިޔަފާރީގެ ތެރެއަށް ވަންނަން އެދޭ އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކާއި، ހުރި ފުރުޞަތުތަކާއި، ބޭނުންވާ ތަމްރީނުތައް ދެނެގަތުމެވެ. މީގެއިތުރުން ލިބެންހުރި ވަސީލަތްތައް ދެނެގަނެ، އަންހެނުންގެ އިޤްތިޞާދީ ބައިވެރިވުން އިތުރުކުރުމަށް އެކުލަވާލާފައިވާ ސިޔާސަތުތައް ތަންފީޒުކުރުން ހަރުދަނާކުރުމަކީވެސް މި ޕްރޮގްރާމުގެ އަމާޒެކެވެ. މި މަޝްރޫޢުގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ ސީދާ ބައްދަލުކޮށް، ރަށުގެ އިޤްތިޞާދުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ޢަމަލީ ގޮތުން ކުރެވިދާނެ ކަންކަން ދެނެގަންނާނެއެވެ.
މި މަޝްވަރާތައް ށ. އަތޮޅުގެ 10 ރަށެއްގައި ކުރިއަށްދާނެއެވެ. އެއީ، 19 ސެޕްޓެންބަރުގައި ފޯކައިދޫ، 20 ސެޕްޓެންބަރުގައި ގޮއިދޫ އަދި ކަނޑިތީމު، 21 ސެޕްޓެންބަރުގައި ފީވައް އަދި މިލަންދޫ، 22 ސެޕްޓެންބަރުގައި ށ ފޭދޫ އަދި ފުނަދޫ، 23 ސެޕްޓެމްބަރުގައި މާއުނގޫދޫ އަދި ކޮމަންޑޫ އަދި 24 ސެޕްޓެމްބަރުގައި ޅައިމަގުގައެވެ.
މި ބައްދަލުވުންތަކަކީ އަންހެނުންގެ ތަޖުރިބާތަކާއި، ޚިޔާލުތައް އަދި ހުށަހެޅުންތައް ސަރުކާރާ ޙިއްޞާކުރުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ. މި މަޝްވަރާތަކުން ލިބޭ މަޢުލޫމާތުތަކުގެ އަލީގައި، އަންހެން ވިޔަފާރިވެރިންގެ ޙާލަތަށް ބިނާކޮށް ހަރުދަނާ ސިޔާސަތުތަކާއި ޕްރޮގްރާމްތައް އެކުލަވާލެވޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. މީގެއިތުރުން، މި މަޝްރޫޢުގެ ނަތީޖާއެއްގެ ގޮތުން އަތޮޅުގެ އަންހެނުން ހިންގާ ވިޔަފާރިތަކުގެ ފުރިހަމަ މެޕިންގްއެއް އެކުލަވާލެވި، ކުރިއަށް އޮތް ތަނުގައި ތަމްރީނުތަކާއި މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެއެވެ.
މިއީ މި މަޝްރޫޢުގެ ދަށުން މި ޕްރޮގްރާމް ހިންގާ 5 ވަނަ އަތޮޅެވެ. މީގެ ކުރިން މި ސިލްސިލާ ބައްދަލުވުންތައް ވަނީ ލ. އަތޮޅު، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ އަދި އދ. އަތޮޅުގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.
އަންހެނުން އިޤްތިޞާދީ އަދި މާލީ ގޮތުން ބާރުވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމެކެވެ. އަދި މިއީ ޖެންޑަރ އީކުއަލިޓީ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންގެ ވެސް މުހިންމު އަމާޒެކެވެ.
މި ބައްދަލުވުންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އޮންލައިން ފޯމު މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މި ލިޔުން ކިޔާލުމުން



