ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ދެނެގަތުމަށްޓަކައި، ކުޑަކުދިންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ ޚާއްޞަ ބައްދަލުވުމެއް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން އިސްނަގައިގެން ބާއްވައިފިއެވެ.
މި ބައްދަލުވުމަކީ ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކުރުމަށާއި، އެކުދިންގެ ރައްކާތެރިކަމާއި ޒިންމާތަކާ ގުޅޭގޮތުން ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި ކުދިންގެ އަޑުއަހައި، ސިޔާސަތުތައް އެކުލަވައިލުމުގައި އެކުދިންގެ ބައިވެރިވުން އިތުރުކުރުމުގެ މަޤްޞަދުގައި ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ކުދިންނަށް އެއްވެސް ޖެހިލުމެއްނެތި، މިނިވަންކަމާއެކު ޚިޔާލު ފާޅުކުރެވޭނެ ފަދަ ކުޑަކުދިންނާ ރަޙުމަތްތެރި މާޙައުލެއްގައެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ވެރިރަށް މާލޭގެ ސްކޫލްތަކުގެ އިތުރުން، އަތޮޅުތެރޭގެ އެކި ސްކޫލްތައް ތަމްޞީލުކުރާ ގިނަ ޢަދަދެއްގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގައި، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގައި ހިމެނޭ އެކި މާއްދާތަކާ ގުޅޭގޮތުންނާއި، ޢަމަލީ މައިދާނުގައި ކުދިންނަށް ދިމާވާ އެކި ގޮންޖެހުންތަކުގެ މަޢުލޫމާތު ދަރިވަރުން ވަނީ ޙިއްޞާކޮށްފައެވެ. އަދި ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އެކުދިންގެ ޒިންމާތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ޤާނޫނަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭގޮތުން ކުދިން ދެކޭގޮތް ވަރަށް ފުޅާ ދާއިރާއެއްގައި ވަނީ ހުށަހަޅާފައެވެ.
ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިފަދަ ބައްދަލުވުމެއް ބޭއްވުމުގެ މައިގަނޑު ބޭނުމަކީ ކުޑަކުދިންނާ ގުޅޭ ޤައުމީ ސިޔާސަތުތަކާއި ޤާނޫނުތައް އެކުލަވައިލުމުގައި ސީދާ އެކުދިންގެ ވިސްނުމާއި ޚިޔާލުތަކަށް އިސްކަންދީ، ކުދިންގެ އެންމެ މަތީ މަޞްލަޙަތު ޙިމާޔަތްކުރުން ކަމަށެވެ. އަދި މި ބައްދަލުވުމުގެ ތެރެއިން ދަރިވަރުންގެ ފަރާތުން ލިބުނު އަގުހުރި މަޢުލޫމާތާއި ޚިޔާލުތަކަށް ރިޢާޔަތްކޮށް، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު އިޞްލާޙުކުރުމުގެ މަސައްކަތް އިތުރަށް ފުރިހަމަކުރެވިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މި ލިޔުން ކިޔާލުމުން



