މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލާފައިވަނީ "ކުޑަކުދީންގެ ޙައްޤުތައް" ރައްކާތެރިކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ. ޚުތުބާގައި ބަޔާންކުރެއްވި ގޮތުގައި ކުޑަކުދިންނަކީ މާތް الله މައިންބަފައިންނާ ހަވާލުކުރައްވާފައިވާ އަގުހުރި އަމާނާތެކެވެ. އެ ކުދިން ތަރުބިއްޔަތު ކުރުމުގައި ޢިލްމާއި އަޚުލާޤުގެ އިތުރުން ދީނީ ކަންކަމަށް އަހުލުވެރިކުރުވުމަކީ މައިންބަފައިންނާއި މުޖުތަމަޢުގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. އެގޮތުން، ދަރިންނަށް ހަތް އަހަރު ފުރުމުން ނަމާދުކުރުމަށް އަމުރުކުރުމަށާއި، ދިހަ އަހަރުވުމުން ނަމާދު ނުކުރާނަމަ އަނިޔާނުވާ ގޮތަށް އަދަބުދީގެންވެސް ނަމާދަށް އަހުލުވެރިކުރުވުމަށް ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅާ ޙަވާލާދީ ޚުތުބާގައި ބާރުއަޅުއްވާފައިވެއެވެ.
ދުނިޔޭގެ އެކި މުޢާހަދާތަކުގެ މާ ކުރިން އިސްލާމްދީން ވަނީ ކުޑަކުދިންގެ ޙައްޤުތައް އެންމެ ފުރިހަމައަށް ކަށަވަރުކޮށްދީފައެވެ. ކުއްޖާއަށް ރިވެތި ނަމެއް ކިޔުމާއި، އިސްލާމީ ޝަޚުޞިއްޔަތު ބިނާކޮށްދިނުމުގެ އިތުރުން، އަމިއްލަ ނަފުސާއި އަހުލުވެރިން ނަރަކައިގެ އަޒާބުން ސަލާމަތްކުރުމަށް މަސައްކަތްކުރުމަކީ ކުޑަކުދިންނަށް ދޭންޖެހޭ ޙައްޤުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ހަމައެއާއެކު، އަނިޔާވެރިކަމާއި، ތަފާތުކުރުންތަކާއި، ގަނާކުރުން ފަދަ ކަންކަމުން ކުޑަކުދިން ރައްކާތެރިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވައި، ކުޑަކުދިންނަށް އޯގާތެރިނުވާ މީހާއީ މުސްލިމުންގެ ތެރެއިންވާ މީހެއް ނޫންކަން ރަސޫލާ ﷺ ގެ ޙަދީޘްފުޅުން އެނގޭކަމަށް ޚުތުބާގައި ބުންޏެވެ.
ނަމަވެސް، މުޖުތަމަޢުގައި ކުޑަކުދިންނަށް އިހުމާލުވެ، އެއްވެސް ރަޙުމެއް ނެތި ލާއިންސާނީ އަނިޔާތައްކުރާ މީހުން އުޅޭކަމީ ހިތާމަހުރި ކަމެކެވެ. މީގެ ތެރޭގައި އެ ކުދިންނަށް އެންމެ ބޮޑަށް އަޅާލައި އޯގާތެރިވާންޖެހޭ މައިންބަފައިންވެސް ހިމެނޭކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ. ޚުތުބާ ނިންމަވާލައްވަމުން ވަނީ، ކުޑަކުދީންނަށް އިހުމާލުވެ އަނިޔާވެރިވާ އެފަދަ އެންމެހައި ފަރާތްތަކަށް، އެއީ މައިންބަފައިން ކަމުގައި ވީނަމަވެސް، އިސްލާމީ ޝަރީޢަތާއި ރާއްޖޭގެ ޤާނޫނުތަކުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައްވާފައެވެ.
މި ލިޔުން ކިޔާލުމުން



