މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށާއި، އާންމު އިޖުތިމާއީ މިންގަނޑުތަކަށް އަހުލުވެރިކޮށް ރައްޔިތުންނާ ގާތުން މަސައްކަތްކުރުމުގެ މަގުސަދުގައި މާލެއާއި ހުޅުމާލޭ ޕޮލިސް ގުޅިގެން މިއަދު މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހާއްސަ ހަރަކާތްތަކެއް ހިންގައިފިއެވެ.
މި ހަރަކާތުގެ ތެރެއިން، އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން އުޅަނދު ދުއްވި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ހެލްމެޓް ހަދިޔާކޮށްފައިވެއެވެ. އަދި ގަވާއިދާ އެއްގޮތަށް ޕާކުކޮށްފައިވާ އުޅަނދުތަކުގެ ވެރިންގެ މަސައްކަތް ބަލައިގަނެ، އެ ފަރާތްތަކަށް ހާއްސަ ސްޓިކާއެއް ވަނީ ދީފައެވެ.
މީގެއިތުރުން، ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ ބަލިމީހުންނަށް ފުލުހުން ޒިޔާރަތްކޮށް، އަވަސް ޝިފާއަކަށް އެދި ހެޔޮދުއާގެ ކާޑު ހަދިޔާކުރިއެވެ. އަދި މާލެއާއި ހުޅުމާލޭގައި އިމާރާތްކުރަމުންދާ ސައިޓުތަކަށް ޒިޔާރަތްކޮށް، ސަލާމަތީ މިންގަނޑުތައް ހުރި ނެތްގޮތް ބަލައި، މަސައްކަތުގެ މާހައުލާއި އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ރަނގަޅުކުރަންޖެހޭ ކަންކަމާ ގުޅޭ އިރުޝާދު ވަނީ ދީފައެވެ.
މި ހަރަކާތްތަކަކީ ފުލުހުންނާއި ރައްޔިތުންގެ ގުޅުން ބަދަހިކޮށް، ގަވާއިދުތަކަށް އިސްނަގައިގެން ބޯލެނބުމުގެ ސަގާފަތެއް އަށަގަންނުވައި، އާންމު ސަލާމަތަކީ އެންމެންގެ ޒިންމާއެއްކަން ހަނދާންކޮށްދިނުމުގެ ގޮތުން މާލެއާއި ހުޅުމާލޭ ޕޮލިހުން ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.



