ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކ. ހުރާ، ސާނީވިލާ، ޙުސައިން ޝާވިން (26އ) އާއި، ތ. ތިމަރަފުށި، ވިލާ، މަރްޔަމް ޢިޝާ އަޝްރަފް (21އ) އަދި ސ. ހުޅުދޫ، ރޭޝަމް، މުޙައްމަދު ނާހިލް (25އ) އެވެ.
މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވިގެން މި ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، މާފަންނުގައި ހުރި ގެއެއް ވަނީ ބަލައިފާސްކޮށްފައެވެ. އެގޮތުން އެ ގޭގެ ތެރެއިން 1.7 ކިލޯގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތީގެ އިތުރުން، މަސްތުވާތަކެތި އެކުލެވޭ 230 ވޭޕް ކާޓްރިޖާއި، 26 ފުޅި ވޭޕް ފްލޭވަރ އަދި ބަނގުރާ ފުޅިއެއް ވަނީ ފެނިފައެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙުސައިން ޝާވިންއާއި މަރްޔަމް ޢިޝާ އަޝްރަފް 15 ދުވަހަށް އަދި މުޙައްމަދު ނާހިލް 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



