މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ. ފުލުހުން ވިދާޅުވި ގޮތުގައި މި އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެކެވެ.
ކޯޓު އަމުރެއްގެ ދަށުން މި ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރި / ރަންތަރި، މުޙައްމަދު ނަޖީޙް (31އ) އާއި، ބ. ކިހާދޫ / ޒުވާރިމާގެ، އާމިނަތު ޝަހާމާ ޙަމީދު (18އ) އެވެ.
މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައެވެ. އަދި ކޯޓު އަމުރުގެ ދަށުން މާލޭގެ މައްޗަންގޮޅީގައި ހުރި ގެއެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 20.19 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށްވެސް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ހައްޔަރުކުރެވުނު ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު ނަޖީޙް 15 ދުވަހަށް އަދި އާމިނަތު ޝަހާމާ ޙަމީދު 7 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުންގެ ޚިދުމަތުން ގެންދަވަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



