ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލެއާއި އަތޮޅުތަކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން، އަންނަ ހޮނިހިރު ދުވަހު މާލޭގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ނިންމައިފިއެވެ.
ފުލުހުންގެ ފަރާތުން މައުލޫމާތު ދެއްވި ގޮތުގައި، މި ކުޑަކުދިންގެ ހަވީރު އޮންނާނީ ސެޕްޓެންބަރު 5 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ސޯޝަލް ސެންޓަރު ސަރަހައްދުގައެވެ. މި ހަވީރަކީ އާއިލާތަކާއި ކުޑަކުދިންނަށް ބައިވެރިވެވޭ ގޮތަށް، ގިނަ ހަރަކާތްތަކަކާއެކު ފަރުމާކުރެވިފައިވާ، ފުލުހުންނާ އެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ހަރަކާތެކެވެ. އެހެންކަމުން، ވީހާވެސް ގިނަ އާއިލާތަކުން ކުދިން ގޮވައިގެން މި ހަވީރުގައި ބައިވެރިވުމަށް ފުލުހުން ވަނީ ދައުވަތު އަރުވާފައެވެ.
މާލޭގައި ފުލުހުންގެ ދުވަހުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ 5 ސެޕްޓެންބަރުގެ ހެނދުނު 6:00 ގައި ބާއްވާ "އެކުވެރިކަމުގެ ހިނގާލުން" އިންނެވެ. އަދި އެ ދުވަހުގެ ރޭގަނޑު 8:30 އިން 11:00 އަށް ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ހާއްސަކޮށްގެން "ބްލޫސް ފެމިލީ ނައިޓް" ބޭއްވުމަށް ހަމަޖެހިފައިވާއިރު، ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ތާވަލުކުރެވިފައިވަނީ 6 ސެޕްޓެންބަރުގައެވެ.
މާލޭގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރެވިފައިވާ ޕޮލިސް ކޮމާންޑްތަކުން ވެސް މި ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ. އޭގެ ތެރޭގައި "ޕޮލިސް ވޯކް އެންޑް ޓޯކް" ޕްރޮގްރާމްތަކާއި، ކުޑަކުދިންގެ ހަވީރުގެ އިތުރުން "އެކުވެރިކަމުގެ ހިނގާލުން" ހިމެނެއެވެ.



