ތައިލޭންޑުގެ ސަރުކާރުން އެ ޤައުމުގެ ވިސާ ޕޮލިސީއަށް ގެނައި ބަދަލުތަކާއެކު، އަންނަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެ ޤައުމަށް ޒިޔާރަތްކުރާ ދިވެހި ފަތުރުވެރިންނަށް ވިސާއާ ނުލައި 30 ދުވަހުގެ މުއްދަތަށް ތިބެވޭނެ އިންތިޒާމު ހަމަޖެހިއްޖެއެވެ.
މިކަން ހާމަކޮށް ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ތައިލޭންޑް ސަރުކާރުން އެ ޤައުމުގެ ވިސާ ޕޮލިސީއަށް ގެނައި ބަދަލުތައް މި އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ވަނީ ރަސްމީކޮށް ގެޒެޓްކޮށްފައެވެ. އަދި މި ބަދަލުތަކަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 15 ސެޕްޓެމްބަރު 2026 އިން ފެށިގެންނެވެ.
މި އަހަރުގެ މެއި މަހުގެ ތެރޭގައި ތައިލޭންޑް ސަރުކާރުގެ ކެބިނެޓުން އެ ޤައުމުގެ ވިސާ ޕޮލިސީއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، 93 ޤައުމެއްގެ ފަތުރުވެރިންނަށް ވިސާއާ ނުލައި އެ ޤައުމުގައި ތިބެވޭ މުއްދަތު 60 ދުވަހަށްވުރެ ކުޑަކުރުމަށް ނިންމިއެވެ. މި ނިންމުމާއެކު ދިވެހިރާއްޖެ ހިމެނުނީ ވިސާއާ ނުލައި އެ ޤައުމުގައި ތިބުމަށް އެންމެ 15 ދުވަސް ލިބޭ ޤައުމުތަކުގެ ލިސްޓުގައެވެ.
އެހެންނަމަވެސް، މިކަމާ ގުޅިގެން ދިވެހިންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން، 29 ޖޫން 2026 ގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް ވަނީ ތައިލޭންޑްގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް އެކްސަލަންސީ ސީހާސަކް ފޫވަންގްގެޓްގޭއޯއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައެވެ.
ދެ ޤައުމުގެ ޚާރިޖީ ވަޒީރުންގެ މެދުގައި ދެކެވުނު މި ވާހަކަތަކަށްފަހު، ޖުލައި މަހުގެ 14 ވަނަ ދުވަހު ތައިލޭންޑުގެ ވިސާ ޕޮލިސީ އަލުން މުރާޖާކޮށް ނެރުނު ނިންމުމުގައި، ދިވެހިންނަށް ވިސާއާ ނުލައި އެ ޤައުމުގައި މަޑުކުރެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް ވަނީ އިތުރުކޮށްދީފައެވެ.
ތައިލޭންޑަކީ ދިވެހިންގެ މެދުގައި ވިޔަފާރިއާއި ބޭސްފަރުވާގެ އިތުރުން ޗުއްޓީ ހޭދަކުރުމަށް ވަރަށް މަޤްބޫލު މަންޒިލަކަށް ވުމާއެކު، ސެޕްޓެމްބަރު 15 އިން ފެށިގެން މި ގެނެވޭ ބަދަލުގެ ސަބަބުން އެ ޤައުމަށް ދަތުރުކުރާ ދިވެހިންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.



