ވިލިމާލޭ ހޮސްޕިޓަލް ހުރި ބިމުގައި ޓާޝަރީ ހޮސްޕިޓަލެއް ތަރައްގީކުރުމަށްޓަކައި، އެ ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތްތައް ވަގުތީ އިމާރާތަކަށް ބަދަލުކުރުމުގެ މަސައްކަތް މި މަހުގެ މެދުތެރޭގައި ފަށާނެކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ޙަލީމް ވަނީ ވިދާޅުވެފައެވެ.
'ޕީއެސްއެމް' އަށް ދެއްވި އިންޓަވިއުއެއްގައި ޙަލީމް ވިދާޅުވީ، ވިލިމާލޭގައި އާ ޓާޝަރީ ހޮސްޕިޓަލެއް ބިނާކުރުމަށްޓަކައި މިހާރު ދެމުންދާ ހިދުމަތްތައް ކުރީގެ އަމާން ހިޔާ އިމާރާތަށް ވަގުތީގޮތުން ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ހިދުމަތްތައް އެ އިމާރާތަށް ބަދަލުކުރުމުގެ ކުރިން ކުރަންޖެހޭ ފިނިޝިން މަސައްކަތްތައް މިހާރު ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޙަލީމް އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި، އެ އިމާރާތުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރެވެމުންނެވެ. އަދި ހިދުމަތްތަކަށް އެއްވެސް ބުރޫއެއް ނޭރޭނެހެން ވަގުތީ އިމާރާތަށް ހިދުމަތްތައް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ ބަދަލުކުރުމަށް ހަމަޖެހިފައިވަނީ އިމަޖެންސީ ހިދުމަތްތަކުގެ އިތުރުން އޯޕީޑީއާއި ވެކްސިން ދިނުމުގެ ހިދުމަތެވެ.
މީގެއިތުރުން، ވަގުތީ އިމާރާތަށް ހިދުމަތްތައް ބަދަލުކުރުމުގެ އަމަލީ މަސައްކަތް މި މަހުގެ މެދުތެރޭގައި ފެށިގެންދާނެ ކަމަށްވެސް ޙަލީމް ވިދާޅުވިއެވެ.
ނިމިދިޔަ އަހަރުގެ ނޮވެމްބަރު 23 ގައި ހައުސިން މިނިސްޓަރ ޑރ. އަބްދުالله މުއްތަލިބު ވިދާޅުވެފައިވަނީ، މި އަހަރުގެ މެދުތެރޭގައި ވިލިމާލޭ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ފެށި، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
މިނިސްޓަރ އޭރު އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ޗައިނާގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރާ މި ހޮސްޕިޓަލުގެ ޑިޒައިން ކޮންސަލްޓަންޓެއް ޓެންޑާކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ފައިނަލްކުރުމަށް ބަޔަކު ވަނީ ހޮވާފައެވެ. އަދި އެ ޓީމުން މި ސެމްބަރު މަހު ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރުމަށްފަހު، ފަސް މަހެއްހާ ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އާ ހޮސްޕިޓަލުގެ މަސައްކަތް ނިމިގެންދާއިރު، އެތަނުން ޒަމާނީ ހުރިހާ ވަސީލަތްތަކެއް ލިބެން ހުންނާނެކަމުގެ ޔަގީންކަންވެސް މިނިސްޓަރ މުއްތަލިބު ވަނީ ދެއްވާފައެވެ.
ޗައިނާ ސަރުކާރުގެ އެހީގައި ވިލިމާލޭގައި ބިނާކުރާ މި ހޮސްޕިޓަލުގެ ޑިޒައިން މަސައްކަތްތައް ކުރުމަށްޓަކައި ކޮންސްޓްރަކްޝަން މިނިސްޓްރީން ޗައިނާ ސަރުކާރާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ނިމުނު އަހަރުގެ ޖޫން މަހުގެ ކުރީކޮޅުގައެވެ.



