ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލުގެ މެންބަރުންނާ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބައްދަލުކުރައްވައި، އެރަށުގެ ތަރައްޤީއަށް މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަމާއި ކުރިމަތިވާ ގޮންޖެހުންތައް ނައިބު ރައީސާ ހިއްސާކުރައްވާފައެވެ. އެގޮތުން މަގުހެދުމާއި ސުކޫލުގެ އާ އިމާރާތުގެ މަޝްރޫޢު އަވަސްކުރުމާއި، ފުޓްބޯޅަ އަދި ފުޓުސަލް ދަނޑު ރަނގަޅު ފެންވަރަކަށް ހަދައި ކުޅިވަރު ވަސީލަތްތައް އިތުރުކުރުމަށް އެދިވަޑައިގަތެވެ. މީގެއިތުރުން ރަށުގެ ބަނދަރު އަޕްގްރޭޑްކުރުމާއި، ފުލުހުންގެ މަރުކަޒުގެ މަސައްކަތް އަވަސްކުރުމުގެ އިތުރުން ސިއްހީ މަރުކަޒުގެ ހިދުމަތްތައް ރަނގަޅުކޮށްދިނުމަށްވެސް ކައުންސިލުން އެދުނެވެ.
ނައިބު ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކުރައްވައި، އެކަންކަން ގާތުން ބައްލަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.



