ބޮޑުތަކުރުފާނު މަގު، ވިލާ ކޮލެޖު ކައިރިން ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 8:15 އެހައިކަންހާއިރު ކަމަށެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ އެކްސިޑެންޓްވި އެއް ސައިކަލުގެ ފަހަތުގައި އިން 17 އަހަރުގެ އަންހެން ކުއްޖަކަށެވެ. އެ ކުއްޖާއަށް އަނިޔާވުމާ ގުޅިގެން ވަގުތުން ވަނީ ފަރުވާއަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އެ ކުއްޖާއަށް ސީރިއަސް ބޮޑެތި އަނިޔާތަކެއް ލިބިފައި ނުވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މި އެކްސިޑެންޓުގައި ހިމެނޭ ދެ ސައިކަލު ދުއްވަން ތިބީ ވެސް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ދެ މީހުން ކަމަށެވެ.
ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.



