މިދިޔަ އޮގަސްޓު މަހުގެ 29 ވަނަ ދުވަހުގެ ރޭ 21:04 ހާއިރު ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ފްލެޓްތައް ކައިރީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން 9 އަހަރުގެ އަންހެން ކުއްޖާ، ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގި ސަރަޙައްދުގެ ސީސީޓީވީ ފުޓޭޖްތަކުން މިހާތަނަށް ބެލިބެލުމުން އެނގޭ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، ވިނަރެސް 7 ގެ ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެން ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން އުމުރުން 18 އަހަރުގެ ދިވެހި އަންހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން 9 އަހަރުގެ ދިވެހި އަންހެން ކުއްޖަކަށެވެ. އެ ދެމީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔައިރު، 9 އަހަރުގެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ކުރިން ވަނީ މައުލޫމާތު ދީފައެވެ. އެ ކުއްޖާ ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައެވެ.



