ހދ. ކުރިނބީގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އެ ރަށަށް ކަރަންޓު ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަނުން 250 ކިލޯވޮޓުގެ އައު ޖެންސެޓެއް އެ ރަށަށް ފޮނުވައިފިއެވެ.
ފެނަކައިން މަޢުލޫމާތު ދޭ ގޮތުގައި، މި އައު ޖަނަރޭޓަރާއެކު ކުރިނބީގައި ކަރަންޓު އުފެއްދުމުގެ ޖުމްލަ ޤާބިލުކަން 750 ކިލޯވޮޓަށް އިތުރުވެގެންދާނެއެވެ. މިއީ ރަށްރަށުގެ އިންޖީނުގެތަކަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށާއި، އިތުރުވަމުންދާ ކަރަންޓުގެ ޑިމާންޑާ އެއްވަރަށް ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ކުރެވުނު މަސައްކަތެކެވެ.
ކުރިނބިއަށް ގެންދެވުނު ޖެންސެޓް އިންޖީނުގެއަށް ވެއްދުމާއި، އިންސްޓޯލްކުރުމުގެ މަސައްކަތް ފެނަކައިގެ ޓެކްނިކަލް ޓީމުން މިހާރު އަންނަނީ ކުރަމުންނެވެ. މި މަސައްކަތް ނިމި، އައު ޖެންސެޓުން ޚިދުމަތް ދޭން ފެށުމުން، ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ ވަގުތުތަކުގައި ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ އަތޮޅުތެރޭގެ ރަށްރަށުގެ އަސާސީ ޚިދުމަތްތައް ފުރިހަމަކޮށް، ކަރަންޓުގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ.



