މިހާތަނަށް މާލޭގައި ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ ހަރަކާތް ކަމަށްވާ "ދިރާގު މާލެ އޯޕަން 2026" ކާމިޔާބުކަމާއެކު ނިންމާލައި، މުބާރާތުގެ ވަނަތަކަށް ދިޔަ ފެތުންތެރިންނަށް އިނާމު ހަވާލުކޮށްފިއެވެ. ސްވިމް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން މާލޭ ރަސްފަންނު ސަރަހައްދުގައި މި މަހުގެ 21 އިން 22 އަށް ކުރިއަށްދިޔަ މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 420 އަށްވުރެ ގިނަ ފެތުންތެރިން ބައިވެރިވިއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ 350 ބައިވެރިންނާ އަޅާބަލާއިރު ފާހަގަކޮށްލެވޭ އިތުރުވުމެކެވެ.
އުމުރުން 6 އަހަރާއި 79 އަހަރާ ދެމެދުގެ އެކި ފެންވަރުގެ ފެތުންތެރިން ވާދަކުރި މި މުބާރާތުގައި 1 ކިލޯމީޓަރު، 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތައް ކުރިއަށްދިޔައެވެ. މީގެ އިތުރުން މިއަހަރު އަލަށް ތައާރަފްކުރި 500 މީޓަރުގެ ޓީމް ރިލޭ ކެޓަގަރީ ވެގެންދިޔައީ އާއިލާތަކާއި، ރަހުމަތްތެރިން އަދި ފެތުމުގެ ކްލަބުތަކަށް އެކުގައި ޓީމެއްގެ ގޮތުގައި ވާދަކޮށްލަން ލިބުނު ފުރިހަމަ ފުރުސަތަކަށެވެ.
މުޅި މުބާރާތުން އެންމެ މޮޅު އަންހެން އެތުލީޓަކަށް އަޔެޝާ ޒާޔާ ހުސައިން ހޮވުނުއިރު، އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ އިބްރާހަމް ޔުއާން ޝަމީމެވެ. އަދި އެންމެ މޮޅު ސްވިމިން ކްލަބުގެ މަގާމު ހޯދާފައިވަނީ މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން (އެމް.އެލް.އޭ) އިންނެވެ.
ވަކިވަކި ކެޓަގަރީތަކަށް ބަލާއިރު، 1 ކިލޯމީޓަރުގެ އަންހެން ކެޓަގަރީގެ އެއްވަނަ މެރަލް އައިން ލަތީފް ހޯދިއިރު، ދެވަނަ އަލްޔާ އަޝްރަފް އަދި ތިންވަނަ ހޯދީ އައިޝަތު އަލީނާ ޝާހިދެވެ. މި ކެޓަގަރީގެ ފިރިހެން އެއްވަނަ އިބްރާހިމް ޔުއާން ޝަމީމް ހޯދިއިރު، ދެވަނަ ޔޫސުފް ޒިޔާން ޒާހިދު އަދި ތިންވަނަ ހޯދީ އިޒްޔާން ނާޒިމެވެ. މީގެ އިތުރުން 500 މީޓަރުގެ އަންހެން ކެޓަގަރީގެ އެއްވަނަ އަޔެޝާ ޒާޔާ ހުސައިން، ދެވަނަ ފާތިމަތު ލައްޔާހް ޝާހިދު އަދި ތިންވަނަ އާއިޝަތު އައިޝްކާ ސަމީރު ހޯދިއިރު، ފިރިހެން ކެޓަގަރީގެ އެއްވަނަ އިބްރާހީމް ޔުއާން ޝަމީމް، ދެވަނަ މުހައްމަދު އަރާން ޝަމީމް އަދި ތިންވަނަ ހޯދީ ނޫމާން މުހައްމަދު ނަސީފެވެ.
ރާއްޖޭގައި އޯޕަން ވޯޓަ ސްވިމިން ކުރިއަރުވައި، ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި ބޭއްވި މި މުބާރާތާ ގުޅޭގޮތުން ދިރާގުން ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއަޅައި އިޖުތިމާއީ ގުޅުން ބަދަހިކުރާ އެންމެންގެ ބައިވެރިވުން ހިމެނޭ މިފަދަ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.



