އީރާނުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީ ވަނީ، މުސްލިމުންގެ މެދުގައި އުފެދޭ ބައިބައިވުންތަކަކީ ދުޝްމަނުންގެ މަޞްލަޙަތުތަކަށް ފައިދާކުރާ ކަމެއްކަން ފާހަގަކުރައްވައި، މުސްލިމުންގެ ޙަޤީޤީ ދުޝްމަނާ ދެކޮޅަށް އެކަތިގަނޑަކަށް ވުމަށް އިސްލާމީ ޤައުމުތަކަށާއި ޚާއްޞަކޮށް ގަލްފުގެ ޤައުމުތަކަށް ގޮވާލައްވާފައެވެ. އިސްލާމީ އެއްބައިވަންތަކަމުގެ ހަފްތާއާ ދިމާކޮށް ޝާއިޢުކުރެއްވި މެސެޖެއްގައި، އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް އެއްބަޔަކު އަނެއްބަޔަކު ދިފާޢުކުރުމަށް ގޮވާލައްވަމުން، މުސްލިމުން ބައިބައިކުރާ ކޮންމެ މީހަކު އެ އެހީވަނީ ދުޝްމަނުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މުސްލިމުން އެއްބައިވަންތަވެފައި ތިބިނަމަ ފަލަސްޠީނުގެ ރައްޔިތުން މިއަދު މިފަދަ ނިކަމެތި ޙާލަތަކަށް ނުވެއްޓޭނެކަންވެސް ފާހަގަކުރެއްވިއެވެ.
އެމެރިކާ އާއި އިސްރާއީލުން ދިން ޙަމަލާތަކުގައި ކުރީގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ ޢަލީ ޚާމަނާއީ އަވަހާރަވެ، ލިބުނު އަނިޔާތަކަށްފަހު މިހާރުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީ ޢާންމުންގެ ތެރެއަށް ނުކުމެވަޑައިގެންފައެއް ނުވެއެވެ. އޭނާ ވަނީ ޤައުމީ އަދި ޢާންމު ރޫޙު ބަލިކަށިވާ ފަދަ މާޔޫސްކުރުވަނިވި ވާހަކަތައް ނުދެއްކުމަށާއި، އިޖުތިމާޢީ އެއްބައިވަންތަކަމަށް ބުރޫއަރާ ފަދަ ޢަމަލުތައް ނުކުރުމަށް ރައްޔިތުންނަށާއި ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.
އިސްލާމީ އިންޤިލާބަށްފަހު ގަލްފުގެ ޤައުމުތަކުން އީރާނަކީ ނުރައްކަލެއްގެ ގޮތުގައި ދެކެމުން އައިސްފައިވާއިރު، މިހާރު ހިނގަމުންދާ ހަނގުރާމައިގައި ތެހެރާނުން ވަނީ ގަލްފުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޙަމަލާދީފައެވެ.
މުޖުތަބާ ޚާމަނާއީ ވަނީ ގަލްފުގެ ޤައުމުތައް އިސްލާމީ އެއްބައިވަންތަކަމުގެ ދަށުން އެކަތިގަނޑަކަށް ވެއްޖެނަމަ ބޭރުގެ ފަރާތްތަކަށް އެ ޤައުމުތަކުގެ މުދަލާއި ބިންތަކަށް ދަހިވެތިނުވެވޭނެކަން ފާހަގަކުރައްވާފައެވެ.
އޭނާގެ މެސެޖު ނިންމަވާލައްވަމުން، ޙަޤީޤީ ދުޝްމަނަކީ ކާކުކަން ދެނެގަނެ، އެމީހުންގެ ރޭވުންތަކާ ދެކޮޅަށް ތެދުވުމަށް އިސްލާމީ އަދި ގަލްފުގެ ޤައުމުތަކުގެ ވެރިންނަށް ގޮވާލެއްވިއެވެ.
މި ލިޔުން ކިޔާލުމުން



