ހިމާލިޔާ ސަރަހައްދަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާގައި ނޭޕާލާއި ޓިބެޓުން މިހާތަނަށް 750 މީހުން މަރުވެ، 3000 އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. ބުދަ ދުވަހު ގްލޭޝިއާއެއް ކަނޑައިގެން ދިއުމާ ގުޅިގެން ކޯރުތަކުގެ ފެންގަނޑު އުފުލެމުންދާތީ، ސަލާމަތީ މަސައްކަތްތެރިންނާއި އާންމުން މިހާރު ދަނީ ރައްކާތެރި އުސް ސަރަހައްދުތަކަށް ބަދަލުވަމުންނެވެ.
ހިމާލިޔާގެ ކޯރުތަކުގެ ތެރެއަށް ގަނޑުފެނާއި، ހިލަ އަދި ކިސަޑު ދެމިގަތުމާ ގުޅިގެން، ސަލާމަތްކުރުމުގެ މަސައްކަތްތައް މިހާރު މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ހައިޑްރޯޕަވަރ ޕްލާންޓްތަކުގެ ޓަނަލްތަކުގައި ތާށިވެފައިވާ މީހުން ސަލާމަތްކުރުމަށެވެ.
މި ކާރިސާގައި ނޭޕާލުން 734 މީހުން މަރުވެ 2498 މީހުން ގެއްލިފައިވާއިރު، ޓިބެޓްގެ ގިޔިރޮންގް ކައުންޓީން 16 މީހުން މަރުވެ 546 މީހުން ވަނީ ގެއްލިފައެވެ. މީގެ ތެރޭގައި ޓިބެޓް ފަޅިން ގެއްލުނު 23 ޤައުމެއްގެ 261 ބޭރު މީހުން ހިމެނޭއިރު، އޭގެ ތެރޭގައި ގިނައީ ނޭޕާލާއި އިންޑިއާގެ ރައްޔިތުންނެވެ.
ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ ވަނީ މިއީ ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ނުރައްކާތެރި ބޯޑަރު ހުރަސްކުރި ކާރިސާގެ ގޮތުގައި ފާހަގަކުރައްވައި، މިއީ ވަރަށް ދަތި އުނދަގޫ ސަލާމަތްކުރުމުގެ އޮޕަރޭޝަނެއް ކަމަށް ވިދާޅުވެފައެވެ.
ރެޑް ކްރޮސްއިން ލަފާކުރާ ގޮތުގައި މި ކާރިސާގެ އަސަރު 90،000 އަށް ވުރެ ގިނަ މީހުންނަށް ކުރާނެއެވެ. އަދި ޗައިނާގެ ސައިންސްވެރިން ބުނާ ގޮތުގައި މި ފެންބޮޑުވުން ދިމާވީ ދުނިޔެ ހޫނުވުމުގެ ސަބަބުން ގްލޭޝިއާތައް ގިރި ހަލާކުވުމުންނެވެ.
ޓަނަލްތައް ސާފުކުރުމާއި ފޮރެންސިކް ތަހުލީލުތައް ކުރުމަށް އެހީ ބޭނުންވާކަމަށް ނޭޕާލުން ބުނެފައިވާއިރު، އިންޑިއާއާއި ޗައިނާގެ މާހިރުން ދަނީ މި މަސައްކަތުގައި އެހީތެރިވަމުންނެވެ.
މީގެ އިތުރުން ޗައިނާއިން ވަނީ 2100 އަށް ވުރެ ގިނަ ރެސްކިއު މަސައްކަތްތެރިންނާއި، ޒަމާނީ ވަސީލަތްތަކުގެ އިތުރުން ބޮޑު މާލީ އެހީއެއް މި އޮޕަރޭޝަނަށް ހަމަޖައްސައިދީފައެވެ.



