ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ފޯރުކޮށްދެމުންގެންދާ އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީތައް ލިބެމުންދާ ފަރާތްތަކުގެ ތެރެއިން، އެހީ ކުރިއަށް ގެންދިއުމަށް އެދޭ ފަރާތްތަކުން ރީ-ރަޖިސްޓަރ ވުމަށް އެ އެޖެންސީން އިޢުލާނުކޮށްފިއެވެ.
އެންސްޕާއިން ހާމަކޮށްފައިވާ ގޮތުގައި، އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީތައް އިތުރަށް ހަރުދަނާކޮށް، އެންމެ އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ އިޖްތިމާޢީ ރައްކާތެރިކަމުގެ އާންމު ގަވާއިދުގެ 8 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުން، އެހީ ޙައްޤުވާ ފަރާތްތަކަށް އެހީ ދެވޭނީ މީލާދީ 2 (ދޭއް) އަހަރުގެ މުއްދަތަށެވެ.
އެހެންކަމުން، 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް އެހީގެ ދަފްތަރުގައި ރަޖިސްޓަރީވެ، އެހީ ލިބެމުންދާ ފަރާތްތަކުގެ ތެރެއިން މެދުކެނޑުމެއްނެތި އެހީ ކުރިއަށް ގެންދިއުމަށް އެދޭ ފަރާތްތަކުން 30 ނޮވެންބަރު 2026 ގެ ކުރިން 'ވަންގަވް' ޕޯޓަލް މެދުވެރިކޮށް އަލުން ފޯމު ހުށަހެޅުމަށް އެންސްޕާއިން ވަނީ އެދިފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ފޯމު ހުށަނާޅާ ފަރާތްތަކަށް ދެން އެހީ ދެވޭނީ، އައު ފޯމެއް މެދުވެރިކޮށް އެދުމުން، އެހީ ދިނުމުގައި ބަލާ މިންގަނޑުތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށްވެސް އެ އެޖެންސީން ބުނެފައިވެއެވެ.
މިގޮތުން އަލުން ފޯމު ހުށަހަޅަންޖެހޭ އެހީގެ ޕްރޮގްރާމްތަކަކީ:
- ފަޤީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީ.
- ފަޤީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި، އެ ކުދިން ބަލަހައްޓާ ފަރާތްތަކަށް ދެވޭ މާލީ އެހީ.
- ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް އެންސްޕާގެ ހޮޓްލައިން ނަންބަރު 1402 އަށް ގުޅުއްވުމަށް އެ އެޖެންސީން ވަނީ އެދިފައެވެ.



