ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާ މޯލްޑިވްސް އެވަރލާސްޓިންގ ފްރެންޑްޝިޕް ޕާރކަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
އެމަނިކުފާނު، ޗައިނާ މޯލްޑިވްސް އެވަރލާސްޓިންގ ފްރެންޑްޝިޕް ޕާރކަށް ޒިޔާރަތްކުރެއްވީ، ޗައިނާ މޯލްޑިވްސް އެވަރލާސްޓިންގ ފްރެންޑްޝިޕް ބްރިޖު ހުޅުވުމުގެ މުނާސަބަތާއި މިއަދު ރާއްޖޭގައި ފާހަގަ ކުރަމުންދާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތާވެސް ގުޅުވައިގެންނެވެ.
މިއަދުގެ މިޒިޔާރަތުގައި ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ކޮންގް ޝިންހުއާގެ އިތުރުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމާއި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް ބައިވެރިވެވަޑައިގެންނެވިއެވެ. މިއަދުގެ މި ޒިޔާރަތަށްފަހު ރައީސް ވަނީ ޗައިނާ ސަފީރާއެކު ކުރެއްވި މަޝްވަރާގައި ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ޗައިނާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދެޤައުމަށް ލާބައާއި މަންފާ ލިބިދޭ އުޞޫލުތައް ޗައިނާ ސަރުކާރުން އަބަދުވެސް ދަމަހައްޓާނެކަމަށާއި އަދި ދިވެހިރާއްޖޭގެ ތަރައްޤީއަށް ޗައިނާ ސަރުކާރުން ދެމުންދާ އެއްބާރުލުން އެގޮތުގައި ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަންދެއްވިއެވެ. ރައީސް، ޗައިނާ މޯލްޑިވްސް އެވަރލާސްޓިންގ ފްރެންޑްޝިޕް ޕާރކަށް ވަޑައިގެން އެ ސަރަޙައްދު ބައްލަވާލެއްވުމަށްފަހު، ޚާއްސަ ފޮޓޯފުޅެއްވެސް ވަނީ ނަންގަވާފައެވެ.
ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ، ޤައުމީ ފެންވަރުގައި ފާހަގަކުރާ، "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް" ކަމުގައި ރައީސް ހަމަޖެއްސެވީ، ފާއިތުވެ ދިޔަ 2025 ވަނަ އަހަރުއެވެ. އެމަނިކުފާނު މިގޮތަށް ހަމަޖެއްސެވީ، ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަކީ، އޮގަސްޓު މަހެއްގެ 30 ވަނަ ދުވަސް ކަމަށްވާތީ، އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ، އެ ދުވަސް ކަމަށްވާތީއެވެ. މީގެއިތުރުން ރައީސް ވަނީ އިންޖިނޭރުން ޤައުމަށް ކޮށްދެއްވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން މިއަހަރުން ފެށިގެން އިންޖިނޭރުންގެ ޤައުމީ އެވޯޑްގެ ނަމުގައި ސަރުކާރުން އެވޯޑެއް ދެއްވަން ފައްޓަވާނެކަން އިޢުލާނުކުރައްވާފައެވެ.
ސިނަމާލެ ބުރިޖުގެ މަސައްކަތް ހިންގަވާފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމާ ޢުމްރާނީ ތަރައްޤީގެ ދާއިރާގެ ވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން، އެމަނިކުފާނުގެ ޚާއްޞަ ބެއްލެވުމުގެ ދަށުންނެވެ.



