މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ އިން ކަޅުބިލަމަސް ގަންނަ އަގު މިއަދު ވަނީ ބޮޑުކޮށްފައެވެ. މި ބަދަލާއެކު، ކުރިން ކިލޯއެއް 20 ރުފިޔާއަށް ގަންނަމުން އައި ކަޅުބިލަމަސް ކިލޯއަކުން 1 ރުފިޔާ އިތުރުވެ، މިހާރު ކިލޯއެއްގެ އަގަކީ 21 ރުފިޔާއެވެ.
މިފްކޯއިން ހާމަކުރި ގޮތުގައި މަސް ގަންނަ އަގަށް މި ބަދަލު ގެނައީ ބައިނަލްއަޤްވާމީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ބެލުމަށްފަހު، މަސްވެރިންނަށް އެކަށީގެންވާ ހެޔޮ އަގެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ. އަދި މިއީ ދެމެހެއްޓެނިވި މަސްވެރިކަން ހަރުދަނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ މަސްވެރިންނަށް އެންމެ ފުރިހަމަ އަގު ހޯދައިދިނުމަށް ކަމަށާއި، ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކާއެކު އަގުތަކަށް އެދެވޭ ބަދަލުތައް ގެންނަމުންދާނެ ކަމަށްވެސް މިފްކޯއިން ބުންޏެވެ.



