އީރާނާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ހަނގުރާމައަށް ހަ މަސް ދުވަސް ވެގެންދިޔައިރު، އަރަބި ޤައުމުތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާއި އުނދަގޫ ސުވާލުތަކަކާ ކުރިމަތިލާން ޖެހިފައެވެ. މި ހަނގުރާމަ ދިގުލައިގޮސް އެއްބަޔަކު އަނެއް ބަޔަކު ވަރުބަލިކޮށްލުމުގެ މަރުހަލާއަކަށް ބަދަލުވަމުންދާއިރު، އީރާނުގެ ވެރިކަން ވެއްޓުމުގެ އެއްވެސް ނިޝާނެއް ނެތުމުގެ ސަބަބުން ޚަލީޖުގެ ޤައުމުތަކުގެ އިޤްތިޞާދަށް ދަނީ އިތުރު ނުތަނަވަސްކަމާއި ހީނަރުކަން ކުރިމަތިވަމުންނެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެހެރާނުގެ ވެރިކަން ވެއްޓިގެން ނުދާނެ ކަމަށާއި، އަދި އެމެރިކާއަށް ސާފު ކާމިޔާބީއެއް ނުލިބޭނެ ކަމަށް މުޙައްލިލުން އިއްތިފާޤުވެއެވެ.
ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އީރާނުގެ ސަރުކާރު ވެއްޓުމުގެ ފުރުޞަތެއް ނެތް ކަމަށާއި، އިޤްތިޞާދީ އަސަރުތައް ފެންނާނީ އަހަރުތަކެއް ފަހުން ކަމަށް މުޙައްލިލުން ފާހަގަކުރައްވައެވެ.
ހަނގުރާމައިގެ ކުރީކޮޅު އެމެރިކާއިން އުންމީދުކުރި ނަތީޖާ ހާސިލްނުވުމާ ގުޅިގެން، ގިނަ ފަރާތްތަކުން މިހާރު ދަނީ ދިގުލައިގެންދާ ހަނގުރާމައަކަށް ތައްޔާރުވަމުންނެވެ.
ހޮރްމުޒް ކަނޑުއޮޅިއާއި ބާބުލް މަންދަބްގެ ދަތުރުފަތުރަށް ހުރަސްއެޅުމުގެ ސަބަބުން ތެލާއި އެލް.އެން.ޖީ ބޭރުކުރުމަށް ދަތިވެ، ތެލުގެ އަގު އުފުލި، އިންފްލޭޝަނާއި ދިފާޢީ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން ޚަލީޖުގެ ޤައުމުތަކަށް ވަނީ ބޮޑެތި އިޤްތިޞާދީ ފިއްތުންތަކާ ކުރިމަތިލާން ޖެހިފައެވެ.
މި ހާލަތާ ގުޅިގެން ޚަލީޖުގެ ޤައުމުތަކުން ދަނީ އެމެރިކާއަށް އެކަނި ބަރޯސާނުވެ، އިޤްތިޞާދު ސިންދަފާތުކޮށް ސަރަޙައްދީ ދިފާޢީ ބައިވެރިވުންތައް ފުޅާކުރަމުންނެވެ. މީގެ މިސާލެއްގެ ގޮތުން ސަޢޫދީ ޢަރަބިއްޔާއިން ތުރުކީއާއި ޕާކިސްތާނާއެކު ދިފާޢީ އެއްބަސްވުމެއް ވަނީ ޤާއިމުކޮށްފައެވެ.
ދާއިމީ ޞުލްޙައެއް ފެންނަން ނެތް މި ދަނޑިވަޅުގައި، މެދުއިރުމައްޗާއި ގަލްފުގެ ޤައުމުތަކުން މަސައްކަތް ކުރަމުންދަނީ މި ހަލަބޮލިކަމުގެ ތެރޭގައިވެސް އިޤްތިޞާދީ އަދި ސަލާމަތީ ގޮތުން ހަނގުރާމައިގެ ގެއްލުންތައް ކުޑަކޮށް، ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށެވެ.
މި ލިޔުން ކިޔާލުމުން



