ރައްޔިތުންނަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ބައްދަލުކޮށް ޝުއޫރުތަކާއި ހިޔާލުތައް ހިއްސާކުރުމަށް ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ސިލްސިލާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު އިތުރު 8 ދާއިރާއެއްގެ ރައްޔިތުންނަށް ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
އަލަށް ފުރުސަތު ހުޅުވާލާފައިވާ ދާއިރާތަކަކީ ހެންވޭރު އުތުރު، މިލަންދޫ، ވެލިދޫ، ތުޅާދޫ، ފެލިދޫ، މުލަކު، ނިލަންދޫ އަދި ގުރައިދޫ ދާއިރާއެވެ. މި ދާއިރާތަކުގެ ރައްޔިތުންނަށް ބައްދަލުވުމުގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު މި މަހުގެ 31 ވާ ހޯމަ ދުވަހުގެ ރޭގަނޑު 12:00 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ.
ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި، ބައްދަލުވުމުގެ ފުރުސަތު ލިބޭ ކޮންމެ މީހަކަށްވެސް އެމީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ، ނުވަތަ އެއް ދަރި، ނޫންނަމަ މައިންބަފައިންގެ ތެރެއިން އެކަކު ބައިވެރިކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ކޮންމެ ރައްޔިތަކަށްވެސް ރައީސުލްޖުމްހޫރިއްޔާއާ ވާހަކަދެއްކެވުމަށް 10 މިނިޓުގެ ވަގުތެއް ލިބިގެންދާނެއެވެ.
މިހާތަނަށް ދެ ފަހަރެއްގެ މަތިން މިފަދަ ބައްދަލުވުންތައް ބާއްވާފައިވާއިރު، ގިނަ ރައްޔިތުން ވަނީ ރައީސާ ބައްދަލުކޮށް ބޯހިޔާވަހިކަމާ ގުޅޭގޮތުންނާއި އެހެނިހެން ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހަޅާފައެވެ. މި ބައްދަލުވުންތަކުގެ މައުލޫމާތު ޓީވީ ޝޯއެއްގެ ގޮތުގައިވެސް ދަނީ ގެނެސްދެމުންނެވެ.



