ނޭޕާލާއި ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ފެންބޮޑުވުމުގެ ނުރައްކާތެރި ކާރިސާއާއި ގުޅިގެން އެހީތެރިކަން ބޭނުންވާ ދިވެއްސަކު ހުރިނަމަ އަންގައިދިނުމަށް ފޮރިން މިނިސްޓްރީން އެދިއްޖެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ހިމާލަޔާ ފަރުބަދަތަކުގެ އުސް ސަރަހައްދަކުން ގްލޭޝިއާއެއް ކަނޑައިގެން ގޮސް ވެއްޓުމާ ގުޅިގެންކަމަށް ސައިސްވެރިން ވަނީ ލަފާކޮށްފައެވެ. އެއާއެކު އެތައް މިލިއަން ޓަނެއްގެ ގަނޑުފެނާއި، ކިސަޑާއި ހިލަތައް ތިރީގައިވާ ކޯރުތަކަށް ފައިބައި، މޫސުމީ ވިއްސާރައާއެކު ފެންގަނޑު ބޮޑުވެގެން ދިޔައެވެ. މި ހާދިސާގައި 270 އަށްވުރެ ގިނަ މީހުން މަރުވެ، 1,300 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ.
ފޮރިން މިނިސްޓްރީން ބުނީ އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާއި ނޭޕާލުގައި ހުންނަ ރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން، ނޭޕާލުގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް މި ހާދިސާގެ އަސަރުކޮށްފައި ނުވާ ކަމަށެވެ. އަދި ހާދިސާ ހިނގި ސަރަހައްދުގައި ދިވެއްސަކު ހުރިކަމުގެ މައުލޫމާތެއްވެސް ލިބިފައި ނުވާ ކަމަށް ބުންޏެވެ.
ނަމަވެސް، ނޭޕާލުގައި ތިބި އެއްވެސް ދިވެހި ރައްޔިތަކު އެހީތެރިކަމެއް ނުވަތަ މައުލޫމާތެއް ސާފުކުރަން ބޭނުންނަމަ، މިނިސްޓްރީގެ ހޮޓްލައިން ނަމްބަރު 7983400 (960+) ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް ގުޅުމަށް ވަނީ އެދިފައެވެ.



