އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ނުރައްކާތައް ކުޑަކުރުމަށް ދުނިޔޭގެ ފެންވަރުގައި މަސައްކަތްތަކެއް ކުރުމަށް ހުށަހެޅުއްވުމުގެ ގޮތުން، މައިކްރޯސޮފްޓްގެ އެއް ބާނީ ބިލް ގޭޓްސް މިއަހަރުގެ ނޮވެމްބަރު މަހު ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާ ބައްދަލުކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށް ހާމަކުރައްވައިފިއެވެ.
އެމެރިކާއިން އިސްނަގައިފިނަމަ ނުރައްކާތެރި އޭއައި މޮޑެލްތައް ކޮންޓްރޯލްކުރުމަށް ޗައިނާއިން އެއްބަސްވެދާނެ ކަމަށް ގޭޓްސް ޤަބޫލުކުރައްވާއިރު، ޓެކްނޮލޮޖީގެ ކުރިއެރުމަށް ހުރަސްނޭޅޭ ގޮތަށް ބަޔޮލޮޖިކަލް ހަމަލާތަކާއި މޮލިކިއުލް އުފެއްދުމުގެ ޤާބިލުކަން އޭއައިގައި ހުރި މިންވަރު މޮނިޓަރ ކުރުމަށް ހުށަހެޅުއްވުމަށް އޭނާ ބޭނުންފުޅުވެއެވެ.
ނިއުކްލިއަރ އިންސްޕެކްޝަނާއި ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ޤަވާޢިދުތަކުގެ އިތުރުން އޯޒޯން ފަށަލަ ރައްކާތެރިކުރުމުގެ އެއްބަސްވުންތަކުގެ އަސާސްތަކުގެ މައްޗަށް ބިނާކޮށް، އޭއައި މެނޭޖްކުރާނެ ބައިނަލްއަޤްވާމީ އައު ޖަމްޢިއްޔާއެއް އުފެއްދުމަށް ބިލް ގޭޓްސް ވަނީ ގޮވާލައްވާފައެވެ.
އޯޕަންއޭއައި، އެންތްރޮޕިކް އަދި މެޓާގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އަސްލު ވެބްސައިޓްތަކެއް ހެކްކޮށްފައިވާތީ މިއީ ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމެއް ކަމަށް ބިލް ގޭޓްސް ފާހަގަކުރެއްވިއެވެ.
މޫސުމީ އަދި ސިއްހީ ކާރިސާތަކަށްވުރެ ބޮޑަށް ނިކަމެތިންނަށް ރައްކާތެރި އޭއައި މުސްތަގުބަލެއް ގާއިމުކުރުމަށް އިސްކަންދޭންޖެހޭ ކަމަށާއި، މި ދާއިރާއިން އޭނާގެ ފައުންޑޭޝަނުން 2045 ވަނަ އަހަރާ ހަމައަށް 200 ބިލިއަން ޑޮލަރު ޚަރަދުކުރަން އަމާޒު ހިފާފައިވާ ކަމަށް ގޭޓްސް ވިދާޅުވިއެވެ.
އޭއައިގެ ސަބަބުން ވަޒީފާތަކަށް އަސަރުކުރާތީ މަސައްކަތްތެރިންގެ ބަދަލުގައި އޭއައި ބޭނުންކުރާ ކުންފުނިތަކުން ޓެކްސް ނެގުމަށާއި، ވަޒީފާތަކުގެ 40 އިންސައްތަ އިންސާނުންނަށް ޚާއްޞަކުރުމަށްވެސް ގޭޓްސް ވަނީ ހުށަހަޅުއްވާފައެވެ.
މި ލިޔުން ކިޔާލުމުން



