އިންޑިއާގެ ބިހާރު ސްޓޭޓްގެ ސިވިލް ސަރވިސް އިމްތިޙާނުގެ ސުވާލު ކަރުދާސް ލީކުވުމާއި ޚިޔާނާތްތަކާ ގުޅިގެން އިމްތިޙާނު ބާތިލުކުރުމަށް ގޮވާލައި ގަވަރުނަރުގެ ގެކޮޅަށް ދާން އުޅުނު މުޒާހަރާގެ ބައިވެރިންގެ ތެރެއިން ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. ސްޓޭޓްގެ ވެރިރަށް ޕަޓްނާގައި މުޒާހަރާގެ ބައިވެރިން ފުލުހުންގެ ބެރިކޭޑްތައް ފޫއަޅުވާލަން މަސައްކަތް ކުރުމުން، ފުލުހުން ވަނީ އެމީހުންގެ ގަޔަށް ފެންބަޑި ޖަހައި ފުލުހުންގެ ބަހަށް އަރުވައިގެން ގެންގޮސްފައެވެ.
ބީޕީއެސްސީ އިން 2,000 ވަޒީފާއަކަށް އޮފިސަރުން ހޮވުމަށް 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި މި ވާދަވެރި އިމްތިޙާނުގައި 300,000 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވަނީ ބައިވެރިވެފައެވެ.
ސުވާލު ކަރުދާސް ލީކުވި ކަމަށް ބުނާ ވާހަކަތައް ސްޓޭޓް ސަރުކާރުން ދޮގުކުރި ނަމަވެސް، އެއް ސެންޓަރެއްގައި އަލުން އިމްތިޙާނު ބޭއްވުމަށް ވަނީ އަމުރުކޮށްފައެވެ.
އިސް ފުލުހެއް ކަމަށްވާ ކޭ.އެސް. އަނޫޕަމް އާއި އެޑިއުކޭޝަން މިނިސްޓަރު މިތިލޭޝް ތިވާރީ ވިދާޅުވި ގޮތުގައި މުޒާހަރާ މިހާރު އަމާންވެފައިވާއިރު، ސަރުކާރުން ވަނީ ދަރިވަރުންގެ ގިނަ ޑިމާންޑްތަކަށް ހައްލު ހޯދައިދީފައެވެ. އަދި އިތުރު މަޝްވަރާތަކަށް އަދިވެސް ފުރުޞަތު އޮތް ކަމަށް ވިދާޅުވިއެވެ.
ޖުލައި މަހު ފެޑެރަލް އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވި ފަހުން އިންޑިއާގައި އިމްތިޙާނުތަކާ ގުޅިގެން ކުރާ މުޒާހަރާތައް އިތުރުވެފައިވާއިރު، ޖާރްކަންޑް ސްޓޭޓްގެ އިމްތިޙާނުތައް ވެސް ވަނީ ބާތިލުކުރަން ޖެހިފައެވެ. ސަރުކާރުން ވެފައިވާ ވަޢުދުތައް ނުފުއްދާތީ އަންނަ މަހު ނިއުދިއްލީގައި ހިނގާލުމެއް ބާއްވާނެ ކަމަށް ސީޖޭޕީން ވަނީ އިޢުލާންކޮށްފައެވެ.
މި ލިޔުން ކިޔާލުމުން



