މިޔަންމާގެ އަސްކަރިއްޔާގެ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ޤައުމު ދޫކޮށްދާން މަޖުބޫރުވިތާ ނުވަ އަހަރު ފުރުމާ ދިމާކޮށް، ބަންގްލަދޭޝްގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރޮހިންޔާ ރެފިއުޖީން ވަނީ އެމީހުންގެ ދަތި ހާލަތާ ދެކޮޅަށް މުޒާހަރާކޮށްފައެވެ. އަދި ރާޚައިން ސްޓޭޓަށް ރައްކާތެރިކަމާއެކު އެނބުރި ދެވޭނެ މަގު ފަހިކޮށްދިނުމަށް އެމީހުން ވަނީ ގޮވާލާފައެވެ.
ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގެ ގާތްގަނޑަކަށް 30 ކޭމްޕެއްގައި 1.2 މިލިއަނަށް ވުރެ ގިނަ ރޮހިންޔާ ރެފިއުޖީން ދިރިއުޅެމުންދާއިރު، އެމީހުން މިއަދު ފާހަގަކޮށްފައިވަނީ ރޮހިންޔާ ނަސްލުހޭދުކުރުމަށް ނުވަ އަހަރު ފުރުނު ދުވަހުގެ ގޮތުގައެވެ. މި ހުރިހާ ރެފިއުޖީން ވެސް ދަނީ ރައްކާތެރިކަމާއެކު އެމީހުންގެ އަމިއްލަ ގެދޮރަށް އަނބުރާ ދިއުމުގެ ފުރުސަތަށް އެދި އަޑުއުފުލަމުންނެވެ.
.ޔުނައިޓެޑް ކައުންސިލް އޮފް ރޮހިންޔާ (ޔޫސީއާރު) ރެފިއުޖީ ޖަމާޢަތުން ބުނީ މި އެއްވުން އިންތިޒާމުކުރީ "ހިންގި ޖަރީމާތައް ހަނދާންކުރުމަށާއި" އަދި "ހުއްޓުމެއްނެތި ކުރިމަތިވަމުންދާ އިންސާނީ ކާރިސާއަށް" ބައިނަލްއަޤްވާމީ ސަމާލުކަން ހޯދުމުގެ ގޮތުން ކަމަށެވެ. ގިނަ ރެފިއުޖީން ބޯޑަރު ހުރަސްކޮށް ބޮޑު ހިޖުރައެއް ކޮށްފައިވަނީ 2017 ވަނަ އަހަރު މިޔަންމާ އަސްކަރިއްޔާއިން ރާޚައިންގައި ހިންގި އަނިޔާވެރި އޮޕަރޭޝަނަށް ފަހުގައެވެ.
ބަންގްލަދޭޝް ސަރުކާރުން ރޮހިންޔާ ރެފިއުޖީން އަނބުރާ ފޮނުވާލުމަށް ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރި ނަމަވެސް، މިޔަންމާގެ ސަލާމަތީ ހާލަތާމެދު ހުރި ކަންބޮޑުވުންތަކާ ހުރެ އެއްވެސް މީހަކު އެނބުރި ދާން އެއްބަސްނުވުމުން އެކަން ވަނީ ނާކާމިޔާބުވެފައެވެ. އަދި އެއްވެސް މީހަކު މަޖުބޫރުން ފޮނުވާނުލާނެ ކަމަށް ބަންގްލަދޭޝްއިން ބުނެފައިވެއެވެ.
މިޔަންމާގެ އަސްކަރިއްޔާއިން ކޭމްޕްތަކުގައި ތިބި 300,000 އަށް ވުރެ ގިނަ މީހުން އަނބުރާ ގެންދަން ތައްޔާރަށް އޮތް ކަމަށް ބުނި ނަމަވެސް، ބަންގްލަދޭޝްއިން ވަނީ އެ އަދަދުތަކާމެދު ސުވާލު އުފައްދާފައެވެ. އަދި ރޮހިންޔާއިންނަކީ "ބެންގާލީން" ގެ ގޮތުގައި ސިފަކޮށް، އެމީހުންގެ ވަނަވަރާއި ޙައްޤުތައް ނިގުޅައިގަތުމަށް މިޔަންމާއިން ކުރާ މަސައްކަތް ބަންގްލަދޭޝްއިން ވަނީ ކުށްވެރިކޮށްފައެވެ.
މި ލިޔުން ކިޔާލުމުން



