ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި-ސްކޭމް ސެންޓަރުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ހިނގާ އޮގަސްޓު މަހުގެ 16 އިން 22 އަށް ހުށަހެޅުނު ސްކޭމްގެ މައްސަލަތަކުގައި 4 ލައްކައަށް ވުރެ ގިނަ ރުފިޔާ އާންމުންގެ އަތުން ވަނީ ގެއްލިފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި ވޭތުވެދިޔަ ހަފްތާގައި ސްކޭމްގެ ޖުމްލަ 39 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. އަދި މި މައްސަލަތަކުގައި ޖުމްލަ 457,776.96 ރުފިޔާ ވަނީ ގެއްލިފައެވެ. ނަމަވެސް، ކަމާގުޅޭ މުއައްސަސާތަކާއި ބޭންކުތަކުގެ އެއްބާރުލުމާއެކު ފުލުހުން ކުރި މަސައްކަތުން، އޭގެ ތެރެއިން 222,755.20 ރުފިޔާ ވަނީ އަނބުރާ ހޯދައިދެވިފައެވެ.
މި މުއްދަތުގައި އެންމެ ގިނައިން ހުށަހެޅިފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ މައްސަލަތަކެވެ. އޭގެ ތެރޭގައި އީ-ކޮމާސްގެ 13 މައްސަލައާއި ބޭރު ފައިސާ މާރުކުރުމާ ގުޅޭ 10 މައްސަލައާއި އޮޅުވާލައިގެން އެހެން މީހަކަށް ހެދިގެން ފައިސާ ހޯދުމުގެ 5 މައްސަލައިގެ އިތުރުން ބުކިންގ ކެންސަލް/ރިފަންޑާ ގުޅޭ 4 މައްސަލަ އަދި އިންވެސްޓްމަންޓް ސްކޭމްގެ 2 މައްސަލަ އާއި އެހެނިހެން ސްކޭމްތަކުގެ 5 މައްސަލައެއް ހިމެނެއެވެ.
ސްކޭމްތައް އިތުރުވަމުންދާތީ، މިފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން އޮންލައިންކޮށް ވިޔަފާރިކުރާއިރު ނުދަންނަ ފަރާތްތަކަށް ކުރިއާލައި ފައިސާ ނުފޮނުވުމަށާއި، މުދާ ލިބުމުން ފައިސާ ދެއްކުމަށް އިސްކަންދިނުމަށް އެދިފައިވެއެވެ. އަދި ބޭރު ފައިސާ މާރުކުރުމުގައި ރަސްމީ ލައިސަންސް އޮންނަ އެކްސްޗޭންޖްތައް ބޭނުންކުރުމަށާއި، ރައްޓެއްސެއް ނުވަތަ އާއިލާ މީހެއްގެ ނަމުގައި ފައިސާއަށް އެދިއްޖެނަމަ ފައިސާ ފޮނުވުމުގެ ކުރިން ސީދާ އެ މީހަކަށް ގުޅައި ޔަގީންކުރުމަށް ފުލުހުން ހަނދާންކޮށްދެއެވެ.
މީގެ އިތުރުން، ބުކިންގ ރިފަންޑް ދިނުމުގެ ކުރިން އެކައުންޓަށް ފައިސާ ވަދެފައިވޭތޯ ޔަގީންކުރުމަށާއި، ކުރު މުއްދަތެއްގައި ބޮޑު ފައިދާއެއް ލިބޭނެކަމަށް ބުނެ ހިންގާ އިންވެސްޓްމަންޓްތަކަށް ސަމާލުވެ، އެފަދަ ފަރާތްތަކުގެ ޕްރޮފައިލްތައް ދިރާސާކުރުމަށް ވެސް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.
ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ވަނީ އެއްވެސް ބާވަތެއްގެ މާލީ މުއާމަލާތެއް ކުރުމުގެ ކުރިން، އޭގެ ސައްހަކަން ފުރިހަމައަށް ކަށަވަރުކުރުމަށް އިލްތިމާސްކޮށްފައެވެ.



