އީރާނުން އޭނާގެ ފިރިހެން ދަރިއަކު މަރާލަން މަސައްކަތްކުރި ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ތުހުމަތުކޮށްފައެވެ. އެހެންނަމަވެސް މި ހާދިސާ ހިނގި ވަގުތެއް، ތަނެއް އަދި އަމާޒުކުރި ވަކި ދަރިއެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.
އިޒްރޭލުގެ ޗެނަލް 14 އަށް ދިން އިންޓަވިއުއެއްގައި ނަތަންޔާހޫ މި ވާހަކަ ހާމަކުރިއިރު، ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރައްވާ އަސްކަރިއްޔާގެ ކުރީގެ ވެރިޔާ ގާދީ އެއިޒެންކޮޓަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް ވެސް އޭނާ ވަނީ ތާއީދުކޮށް ވާހަކަދައްކާފައެވެ.
ނަތަންޔާހޫގެ އަނބިކަނބަލުންނާއި ދެ ފިރިހެން ދަރިންނަށް އިތުރު ސެކިއުރިޓީ ހަމަޖައްސާފައިވާއިރު، އެމެރިކާގައި ދިރިއުޅޭ ދޮށީ ފިރިހެން ދަރިފުޅު ޔާއީރުގެ ސެކިއުރިޓީއަށް ކުރާ ބޮޑު ޚަރަދާ ގުޅިގެން އިޒްރޭލުގައި ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.
އެމެރިކާއާއި އިޒްރޭލުގެ ހަމަލާއެއްގައި އީރާނުގެ ކުރީގެ އެންމެ މަތީ ވެރިޔާ ޢަލީ ޚާމަނާއީ އާއި އާއިލާގެ ބޭފުޅުން އަވަހާރަކޮށްލުމާ ގުޅިގެން، އައު އެންމެ މަތީ ވެރިޔާ މުޖްތަބާ ޚާމަނާއީ ވަނީ އޭގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.



