ސަރަޙައްދަށް ސުލްޙައާއި އަމަންއަމާންކަން ގެނައުމުގެ މަސައްކަތުގެ ތެރެއިން، ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ޖެނެރަލް ޢާޞިމް މުނީރު ތެހެރާނަށް ޒިޔާރަތްކުރައްވާނެ ކަމަށް އީރާނުގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ. އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ މިއީ ސަރަޙައްދީ ހަމަޖެހުމަށް ކުރެވޭ މުހިންމު ދަތުރެއް ކަމަށެވެ.
ފެބުރުވަރީ މަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ޙަމަލާތަކާ ގުޅިގެން އުފެދުނު ހަނގުރާމަ ހުއްޓުވުމަށް، އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގައި ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާއިރު، މި މައްސަލައިގައި އީރާނާއި ޕާކިސްތާނާ ދެމެދު ސީދާ މުޢާމަލާތްތައް ދަނީ ހިންގަމުންނެވެ.
ޕާކިސްތާނުގެ މަޞްދަރަކުން މަޢުލޫމާތު ދިން ގޮތުގައި، މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ހަނގުރާމައާ ގުޅިގެން ފަހުން ހިނގާފައިވާ ކަންކަމަށެވެ. އެގޮތުން، "އިސްލާމްއާބާދުގެ އެމް.އޯ.ޔޫގެ ދަށުން ސުލްޙަ ޤާއިމުކުރުމާ ގުޅޭގޮތުންނާއި، ޓްރަމްޕްގެ އިންޒާރާއި، ޕާކިސްތާން-ތުރުކީ-ސަޢޫދީ ޢަރަބިއްޔާ އެއްބަސްވުމަށްފަހު އޮތް ޙާލަތުގެ އިތުރުން ހޫޘީންގެ މައްސަލަތަކާ ގުޅޭގޮތުން" ޖެނެރަލް މުނީރު އީރާނުގެ ލީޑަރުންނާއެކު މަޝްވަރާކުރައްވާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.
މި ޒިޔާރަތް މި ކުރެވެނީ، އެމެރިކާއިން އީރާނާ ދެކޮޅަށް އެޅުމަށް ހަމަޖެހިފައިވާ "ތާރީޚުގައިވެސް އެންމެ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް" އިއުލާނުކުރުމާ ދިމާކޮށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އީރާނަށް އެއްވެސް ކަހަލަ އެހީތެރިކަމެއް ފޯރުކޮށްދޭ ކޮންމެ ޤައުމަކާ ދެކޮޅަށްވެސް އިޤްތިޞާދީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އަދި މިއަށް ރައްދުދީ، އަސްކަރީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް އީރާނުން ބުނަމުންދާތީ މަސްރަޙު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.
މި ނުތަނަވަސްކަމާ ގުޅިގެން ހުއްދަނެތް ތެޔޮ ޓޭންކަރުތަކަށް ޙަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދިނުމުގެ ސަބަބުން، ހޮރްމުޒް ކަނޑުއޮޅިން ތެޔޮ އުފުލުން ވަނީ ގާތްގަނޑަކަށް ހުއްޓިފައެވެ. މީގެ އިތުރުން، މި ޙާލަތާއި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިޤްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ވަމުންދެއެވެ.



