އީރާނާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް އެމެރިކާއިން އިޢުލާނުކުރާނެ ކަމަށް ބެލެވޭތީ، އިންވެސްޓަރުން ފައިދާ ނަގަން ފެށުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ފީފާއަކުން 1 ޑޮލަރަށް ވުރެ ދަށަށް ހިނގައްޖެއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން މެދުއިރުމަތިން ތެޔޮ ފޯރުކޮށްދިނުމަށް އިތުރު ބުރޫއެރުންތަކެއް އަތުވެދާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.
ބްރެންޓް ކްރޫޑް ފިއުޗާސްގެ އަގު 1.3 އިންސައްތަ ދަށަށް ގޮސް ފީފާއެއްގެ އަގު 93.16 ޑޮލަރަށް ވެއްޓުނު އިރު، އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް ކްރޫޑްގެ އަގު 1.6 އިންސައްތަ ދަށަށް ގޮސް ފީފާއެއްގެ އަގު ވަނީ 85.7 ޑޮލަރަށް ދަށްވެފައެވެ. ނަމަވެސް، ހޮރްމޫޒް ކަނޑުއޮޅިން ތެޔޮ ބޭރުކުރުމަށް ހުރަސްއެޅުމުގެ ސަބަބުން ވޭތުވެދިޔަ ހަފްތާގައި މި ދެ ބާވަތުގެ ތެލުގެ އަގު ވެސް 5 އިންސައްތައަށް ވުރެ މައްޗަށް އަރާފައިވެއެވެ.
އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވަނީ އީރާނާ ދެކޮޅަށް "ތާރީޚުގައި ވެސް އެޅޭ އެންމެ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް" އަޅާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އަދި ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އީރާނާ އެކު ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ރައީސް މަސްޢޫދު ޕެޒެޝްކިއާން ޑިޕްލޮމެޓިކް ހައްލަކަށް ގޮވާލެއްވި ނަމަވެސް، އެމެރިކާގެ މި ނިންމުންތައް އީރާނުން ވަނީ ކުށްވެރިކޮށްފައެވެ.
ކޮމަންވެލްތު ބޭންކް އޮފް އޮސްޓްރޭލިއާގެ އެނަލިސްޓް ވިވެކް ދާރް ފާހަގަކުރެއްވި ގޮތުގައި، އީރާން އެކަހެރިކުރުމަށް އެމެރިކާގެ ސިޔާސަތު ކާމިޔާބުވާނެ ކަމާމެދު ޔަޤީންކަމެއް ނެތް ނަމަވެސް، އެ ފިޔަވަޅުތައް ކާމިޔާބުވެއްޖެނަމަ ހަމަނުޖެހުން އިތުރުކޮށްގެން ރައްދު ދިނުމުގެ ޤާބިލުކަން އީރާނަށް އޮތުމަކީ ހަކަތައިގެ ބާޒާރަށް އޮތް ބޮޑު ނުރައްކަލެކެވެ.
މޯގަން ސްޓެންލީގެ އެނަލިސްޓުން ބަޔާންކުރާ ގޮތުގައި، މެދުއިރުމަތިން ތެޔޮ ސަޕްލައިވުން ދަށްވަމުންދާތީ، އެ ސަރަޙައްދުން ތެޔޮ ފޯރުކޮށްދިނުން އާދައިގެ ހާލަތަކަށް ރުޖޫޢަވުމަށް ކުރިން ލަފާކުރި ވަރަށް ވުރެ ގިނަ ދުވަސް ނަގާނެ ކަމަށް ބެލެވެއެވެ.



