ގާޒާގެ ސަރަހައްދުން ގުޑިއާއި، ޑްރޯން އަދި ފުއްޕާހަން ފޮނުވި ކަމަށް ބުނެ ހަމަލާތައް ވަރުގަދަކުރާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިންޒާރު ދީފައިވަނިކޮށް، އިސްރާއީލުގެ ފައުޖުތަކުން ގާޒާއަށް ދިން ހަމަލާތަކެއްގައި ހަތަރު އަހަރުގެ ކުޑަކުއްޖަކު ހިމެނޭހެން މަދުވެގެން ތިން މީހަކު ޝަހީދުކޮށްލައިފިއެވެ.
ވަފާ ނިއުސް އެޖެންސީން ރިޕޯޓްކުރި ގޮތުގައި، މި ހަމަލާތައް އަމާޒުވެފައިވަނީ އަޒް-ޒަވައިދާގެ ގުދަނަކަށާއި މެދުތެރޭ ގާޒާގެ ސަލާހުއްދީން މަގަށެވެ. އަޒް-ޒަވައިދާއަށް ދިން ހަމަލާގައި ހަތަރު އަހަރުގެ ކުއްޖާ ޝަހީދުވެ ހަ މީހުން ޒަޚަމްވި އިރު، ސަލާހުއްދީން މަގުން ދެ މީހަކު ޝަހީދުވިއެވެ. އަދި އަލް-ޝުޖާއިއްޔާއަށް ދިން ބަޑީގެ ހަމަލާތަކުގައި ނޫސްވެރިޔަކު ހިމެނޭހެން ބަޔަކު ޒަޚަމްވި އިރު، ޚާން ޔޫނިސްއަށް ދިން ޑްރޯން ހަމަލާތަކުގައި 10 މީހަކު ވަނީ ޒަޚަމްވެފައެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ވަނީ ގާޒާއިން ފޮނުވާ ގުޑިއާއި، ޑްރޯން އަދި ފުއްޕާހަން ވަގުތުން ނުހުއްޓައިފިނަމަ، އެކަން ކުރާ ފަރާތްތަކަށް ވަރުގަދަ ހަމަލާތަކެއްދީ އެ ސަރަހައްދުތަކުން މީހުން ހުސްކުރާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
މި އިންޒާރާ ގުޅިގެން ހަމާސްގެ ތަރުޖަމާނު ޙާޒިމް ޤާސިމް ވިދާޅުވީ، އެއީ ރެފިއުޖީ ކޭމްޕްތަކުން ކުޑަކުދިން އެރުވި ގުޑިތަކެއް ކަމަށާއި އިސްރާއީލުން ދައްކަނީ އުދުވާން ކުރިއަށް ގެންދިއުމުގެ ބަހަނާތަކެއް ކަމަށެވެ. އަދި ހަނގުރާމަ ހުއްޓާލުމުގެ އޮނިގަނޑު ހަލާކުކުރުމާއި އުދުވާންތައް ހުއްޓުވުމަށް އޭނާ ވަނީ އެމެރިކާއަށާއި މެދުވެރިންނަށް ގޮވާލައްވާފައެވެ.
ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި، އޮކްޓޯބަރު މަހުގެ އެއްބަސްވުމަށް ފަހު ވެސް އިސްރާއީލުން 1،286 މީހުން ޝަހީދުކޮށްފައިވާއިރު، އޮކްޓޯބަރު 2023 އިން ފެށިގެން މިހާތަނަށް ޣައްޒާއިން 73،400 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުކޮށްލާފައެވެ.



