ޕެންޝަން ފަންޑަކީ ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނެ ކަމުގެ ޔަގީންކަން، ޕެންޝަން އޮފީހުގެ އާ ސީއީއޯ ޔަޒްމީދު މުޙައްމަދު ދެއްވައިފިއެވެ.
މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ވާހަކަދައްކަވަމުން ޔަޒްމީދު ވިދާޅުވީ، ޕެންޝަން އޮފީހަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބިފައިވާ، ޒަމާނީ އަދި ނަމޫނާ މުއައްސަސާއަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މި އަމާޒަށް ވާސިލުވުމުގައި މުވައްޒަފުންގެ ދައުރު މުހިންމުކަން ފާހަގަކުރައްވައި، ހުރިހާ މުވައްޒަފުންނަށް ހަމަހަމަކަމާއެކު ފުރުސަތުތައް ފަހިކޮށްދީ، އެކުވެރި މަސައްކަތުގެ މާހައުލެއް ބިނާކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
އޭނާ ވަނީ އިޚްލާޞްތެރިކަމާއެކު މަސައްކަތްކޮށް، ރަނގަޅު ނަތީޖާއެއް ނެރުމަށް އެންމެ މުވައްޒަފުން ގުޅިގެން މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ.



