ބޭރު ފައިސާއާ ބެހޭ ގާނޫނާ އެއްގޮތަށް އެއްވެސް ވަރަކަށް ޑޮލަރު މާރުނުކުރާ ދެ ރިސޯޓެއްގެ ނަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން އާންމުކޮށްފިއެވެ. އެއީ ލ. އަތޮޅުގައި ހިންގާ ރަހާ ރިސޯޓާއި އައްޑޫގައި ހިންގާ ސައުތު ޕާމް ރިސޯޓެވެ.
އެމްއެމްއޭއިން އާންމުކުރި ކޮމްޕްލަޔަންސް ރިޕޯޓަށް ބަލާއިރު، ރިސޯޓުތަކުގެ 78 އިންސައްތައިން ގާނޫނާ އެއްގޮތަށް ޑޮލަރު މާރުކުރަމުންދާއިރު، އެންމެ އެކަށީގެންވާ ގޮތެއްގައި މާރުނުކުރަނީ 20 އިންސައްތަ ރިސޯޓުންނެވެ. އަދި ގެސްޓްހައުސްތަކާއި ސަފާރީތައް ހިމެނޭ ކެޓަގަރީގެ 37 އިންސައްތަ ތަނުން ޑޮލަރު މާރުކޮށްފައި ނުވާއިރު، އަހަރަކު 15 މިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިތަކުގެ ތެރެއިން 29 އިންސައްތަ ތަނުންވެސް ޑޮލަރު މާރުކޮށްފައެއް ނުވެއެވެ. ލުއިތައް ހޯދަން އެދޭ ވިޔަފާރިތަކަށް ގޮތެއް ނިންމޭނީ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށްވާތީ، އެ ބަދަލުތައް ހުށަހަޅާފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުނެއެވެ.
ގާނޫނުގެ ދަށުން މާރުކުރެވޭ ޑޮލަރުގެ 90 އިންސައްތަ އެމްއެމްއޭއަށް ނަގާއިރު، އޭގެ ތެރެއިން 30 އިންސައްތަ ދޫކުރަނީ ދިވެހި ބޭންކުތަކަށެވެ. މި ފައިސާ ބޭނުންކުރެވެނީ އާންމުންގެ ޒަރޫރީ ބޭނުންތަކަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޑޮލަރު ފޯރުކޮށްދިނުމުގެ އިތުރުން ތެލާއި، ބޭހާއި، ކާބޯތަކެތި ފަދަ އަސާސީ ތަކެތި އިމްޕޯޓްކުރުމަށެވެ. އެހެންކަމުން ޑޮލަރު މާރުކުރުމުގެ ސީދާ ފައިދާ ރައްޔިތުންނާއި ވިޔަފާރިތަކަށް ކުރާނެތީ، ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.



