ރާއްޖޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން، އިތުރު 5،000 ޔުނިޓާއެކު މި އަހަރު މާލެ ސަރަހައްދުގައި ޖުމުލަ 13،000 ހައުސިން ޔުނިޓް ހެދުމުގެ މަޝްރޫއެއް ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ވިދާޅުވީ، މާލެ ސަރަހައްދުގައި އަލަށް ކުރިއަށްދާ 5،000 ޔުނިޓުގެ އިދާރީ މަސައްކަތްތައް ނިމުމުގެ ފަހުގެ މަރުހަލާގައިވާ ކަމަށެވެ. މީގެއިތުރުން، ރާއްޖޭގެ އެކި ރަށްރަށުގައި ޖުމުލަ 8،588 ހައުސިން ޔުނިޓުގެ މަސައްކަތް ހިނގަމުންދާ ކަމަށާއި، ފަސް އަހަރުގެ ދައުރު ނިމޭއިރު މި ހުރިހާ މަޝްރޫއުތަކެއް ނިންމައި ރައްޔިތުންނާ ހަވާލުކުރެވޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި 58،505 ފޯމު އެއީ 35،930 ފްލެޓާއި އަދި 22،575 ގޯއްޗަށް ހުށަހަޅާފައިވާއިރު، މިއީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނައިން ފޯމު ހުށަހެޅުނު ފަހަރެވެ. މިނިސްޓްރީން ބުނި ގޮތުގައި، ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ނިމި، މި އަހަރުގެ ޑިސެމްބަރު މެދުތެރޭގައި ދާއިމީ ފްލެޓް ލިސްޓު އާންމުކުރާނެއެވެ. "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން 7،900 ފްލެޓާއި 15،000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، ފްލެޓްތައް ޚާއްޞަކުރެވިފައިވަނީ މާލޭ ރަށްވެހިންނަށާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންގެ އިތުރުން ޚާއްޞަ ކެޓަގަރީތަކަށެވެ.



