ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު (ގާނޫނު ނަންބަރު 26/2020) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު މިއަދު ވަނީ ތަސްދީގު ކުރައްވާފައެވެ. މި ބިލަކީ 17 އޮގަސްޓު 2026 ގައި ބޭއްވުނު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާއިން ފާސްކުރައްވާފައިވާ ބިލެކެވެ.
މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރުމެވެ. އެގޮތުން، އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑު ކުރިން 5 މެންބަރުންގެ މައްޗަށް އެކުލެވިގެންވި ނަމަވެސް، މި ގެނެވުނު ބަދަލާއެކު ބޯޑުގެ މެންބަރުންގެ އަދަދު ވަނީ 7 އަށް އިތުރުކުރެވިފައެވެ. ބޯޑަށް އަލަށް އިތުރުކުރެވުނު މެންބަރުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ޗީފް އެގްޒެކެޓިވްގެ އިތުރުން ގާނޫނީ ދާއިރާގެ މެންބަރެއް ހިމެނެއެވެ. މީގެއިތުރުން ބޯޑު މެންބަރުން އައްޔަނުކުރުމާއި، އެ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި، މަގާމުގެ މުއްދަތުގެ އިތުރުން ބޯޑުގެ ބައްދަލުވުންތައް ބާއްވާނެ އުސޫލުތަކަށްވެސް ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ.
މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި، ބޯޑަށް އިތުރަށް އައްޔަންކުރަންޖެހޭ މެންބަރުން އައްޔަންކޮށް ނިންމަންޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާއެކު، މިއަދުން ފެށިގެން މި އިސްލާހަށް ވަނީ އަމަލުކުރަން ފަށާފައެވެ.



